ރާއްޖޭގެ ކުރިއަށް އޮތް 20 އަހަރަށް އެކުލަވާލާ ގައުމީ ތަރައްގީގެ މާސްޓަ ޕްލޭންގެ މަސައްކަތުގައި ބައިވެރިނުވާން އިދިކޮޅު އެމްޑީޕީން ނިންމައިފިއެވެ.
ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމަށްޓަކައި 20 އަހަރުގެ މާސްޓަ ޕްލޭނެއް އެކުލަވައިލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މާސްޓަ ޕްލޭނަށް މަޝްވަރާ އާއި ހިޔާލު ހޯދުމުގެ މަސައްކަތްތައް ރަސްމީކޮށް ފަށާފައިވަނީ މިިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެ މަސައްކަތް ހަވާލުކޮށްފައިވާ ނެކްސިއާ މޯލްޑިވްސް އިން އިއްޔެ ވަނީ ރަށްތަކަށް ދަތުރުކުރަން ފަށައިފައެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ދުރު ރާސްތާއަށް އަމާޒުކޮށްގެން އެކުލަވާލާ، ގައުމީ ތަރައްގީގެ ޕްލޭނެއް އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ގަބޫލުކުރާ ކަމަށާއި ނަމަވެސް، ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވާލުމުގެ ނަމުގައި، ސަރުކާރުން މިހާރު ކަންކަން ކުރަމުންގެންދާ ގޮތާ މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.
ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަނީ ކުރިއަށްއޮތް 20 އަހަރަށް ކަމަށް ކަނޑައަޅާފައިވަނީ ކިހިނެއްކަމާއި، އެ ނިންމުން ނިންމުމުގައި މަޝްވަރާކޮށްފައިވަނީ ކޮން ފަރާތްތަކަކާކަން އެނގެން ނެތް ކަމަށް އެމްޑީޕީން ބުންޏެވެ.
"ދެންނެވުނު ފަދަ ޕްލޭނެއް އެކުލަވައިލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑ. މުހައްމަދު މުއިއްޒު ހާމަކުރެއްވުމަށްފަހު، އެއްވެސް ޕްލޭނެއް ނެތި، މިހާރުވެސް އެއާޕޯޓް އެޅުމާއި، އުމްރާނީ އެކިއެކި މަޝްރޫއުތައް އިއުލާނުކުރުމާއި، ފަށާފައި ނުނިމި އެތައް ކަމެއް ހުރިއިރު، ބައެއް ތަންތަނުގައި އަލަށް މަސައްކަތް ފަށަމުންދާކަން ފާހަގަކުރެވެއެވެ. މިގޮތުން، މާލެ ސަރަހައްދުގައި ބިން ހިއްކަން ފަށާފައި ހުރި ތަންތަން ނުނިންމައި، ފުށިދިއްގަރުފަޅު ހިއްކުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދެއެވެ. އަތޮޅު ކައުންސިލުތައް އުވައިލުމަށް އަދި ރަށްރަށުން މީހުން ބަދަލުކުރުމަށްވެސް ދަނީ އިއުލާނުކުރަމުންނެވެ..،" އެމްޑީޕީގެ ބަޔާނުގައި ބުންޏެވެ.
އެމްޑީޕީން ބުނީ ޕްލޭނެއް އެކުލަވައިލުމުގެ ބޭނުމެއް މިހާރު އޮތްކަމަށް އެ ޕާޓީން ނުދެކޭ ކަމަށާއި އަދި އެކަމުގައި، ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތް ކަމަކަށްވެސް ނުދެކޭ ކަމަށެވެ. ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތަށް އަމަލުނުކުރުމާއި، ގްޑް ގަވަނަންސްގެ އުސޫލުތަކާ ހިލާފަށް ކަންކަން ކުރަމުން ގެންދިއުމާއި، އަދި ދައުލަތުގެ ނިޒާމުތަކަށް ހުރުމަތްތެރިކޮށް ނުހިތުން އާންމު ކަމަކަށް ވެފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.
"ތިމާވެށި ހިމާޔަތްކުރުމުގެ ގަވާއިދުތައް ފަދަ، ކުރިންސުރެ އެކަށައަޅާފައި ހުރި ހަރުދަނާ އުސޫތައްވެސް ކުއްލިއަކަށް ދަނީ ބަދަލުކުރަމުންނެވެ. ކަން މިހެން އޮތް އިރު، އަލުން އެކުލަވާލާ ޕްލޭނަކަށް އަމަލުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ..،" އެމްޑީޕީން ބުންޏެވެ.
އެ ސަބަބުތައް އެގޮތަށް ހުރުމުން، މިވަގުތު އެ މަސައްކަތުގައި އެ ޕާޓީން ބައިވެރިވުމަކީ ބޭނުންތެރިކަމެއް ކަމަށް ނުދެކޭ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ