ބައިސްކަލުން ވެއްޓިގެން ޕީއެސްޖީ ކޯޗު ލުއިސް އެންރީކޭއަށް އަނިޔާވެއްޖެއެވެ.

އުމުރުން 55 އަހަރުގެ ކޯޗު އެންރީކޭއަށް ލިބުނު އަނިޔާއާ ގުޅިގެން ޕީއެސްޖީން ބުނީ އޭނާއަށް އެދެނީ ވީ އެންމެ އަވަހަކަށް ރަނގަޅުވުން ކަމަށާއި، އެންރީކޭއަށް އަނިޔާވީ ސައިކްލިންގައި އުޅެނިކޮށް ކަމަށެވެ.

ހަބަރުތައް ބުނެފައި ވަނީ އަނިޔާ ލިބުނީ އެންރީކޭގެ ކޮނޑަށް ކަމަށެވެ.

އެންރީކޭއަކީ އަބަދުވެސް ސްކައިލް އިވެންޓްތަކަށް ޝައުގުވެރިކަން ހުންނަ ކޯޗެކެވެ. އޭގެ އިތުރުން ބައެއް ތަފާތު، އުނދަގޫ ތަޖުރިބާތަށް ކުރުމަށް އެންރީކޭ އަބަދުވެސް ޝައުގުވެރިކަން ހުންނަ އިރު، އޭނާ މީގެ ކުރިން އަޔަން މޭން ރޭސްތަކުގައިވެސް ވާދަކޮށްފައެވެ.

އެންރިކޭއާއެކު މިދިޔަ ސީޒަން ޕީއެސްޖީއަށް ކާމިޔާބެވެ. ކްލަބުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ހޯދުމުގެ އިތުރުން، އެ ކްލަބުން ވަނީ ލީގުވެސް ހޯދައިފައެވެ.

މި ސީޒަނުގެ ލީގުގައި ޕީއެސްޖީން ޓުލޫސް ކައިރިން 6-3 ގެ ނަތީޖާއަކުން މޮޅުވި މެޗުގައިވެސް އެންރީކޭ ވަނީ އެޓީމަށް އިރުޝާދު ދީފައެވެ.