ބ. ދޮންފަނުގެ ބިން ހިއްކައިފި ނަމަ، ހަނިފަރުގެ ސަރަހައްދަށް ބޮޑު ގެއްލުމެއް ލިބިދާނެކަމަށް ބެލެވޭތީ ދޮންފަނު ބިން ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފިއެވެ.

ދޮންފަނާ ޖެހިގެން އޮންނަނީ ޓޫރިސްޓުންގެ މެދުގައި މަންޒިލެއް ކަމުގައިވާ ހަނިފަރުބޭއެވެ. މިއ ގިނަ އަދަދެއްގެ މަންތާތައް ފެންނަ ސަރަހައްދެކެވެ. ޓޫރިސްޓުންގެ މެދުގައި އެ މަންޒިލް މަޝްހޫރުވެފައިވަނީ އެހެންވެގެންނެވެ. މީގެ 12 އަހަރު ކުރިން 2013 ގައި އުފެއްދި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ބެލުމުގެ ދަށުގައި އޮތް ހަނިފަރު ސަރަހައްދަށް ފީނަން ދާ ޓޫރިސްޓުންގެ އަތުން 10-20 ޑޮލަރުގެ ފީއެއް ނަގައެވެ. އެ ތަނަށް ފީނާ ދިވެހިންގެ އަތުން ނަގަނީ ދެ ޑޮލަރެވެ.

ދޮންފަނުގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ވަނީ އެ ރަށުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކަން ނިންމައި އެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފައެވެ.

ނަމަވެސް ދޮންފަނުގެ ބިން ހިއްކުމާ ދެކޮޅަށް މަސައްކަތްކުރާ، ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއަންސް މޯލްޑިވްސްއިންވަނީ ދޮންފަނުގެ ފަޅު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ހުޅުވާލައިފައެވެ.

އެ ޕެޓިޝަންގައި ބުނީ ދޮންފަނު ފަޅުން ހިއްކައިފިނަމަ ހަނިފަރުބޭ ނުރައްކަލަށް ހުށަހެޅި އެ ސަރަހައްދުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. ހަނިފަރަކީ ޓޫރިސްޓުންގެ މެދުގައި މަގުބޫލުވެފައިވާ މަންޒިލަކަށްވުމުން އެތަނުގެ ދިރުންތަކަށް ގެއްލުންވެއްޖެނަމަ އެކަމުގެ ނޭދެވޭ އަސަރު އިގުތިސޯދަށް ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ.

ދޮންފަނު ބިން ހިއްކަން ފެށުމުން، އެ ސަރަހައްދުގެ އޮއި ދައުރުވާ ގޮތަށް ބަދަލުތަކެއް އަންނާނެ ކަމަށާއި އެކަމުގެ ސަބަބުން ހަނިފަރުބޭގައި އުޅޭ ދިރުންތަކުގެ ކާނާގެ ނިޒާމަށް އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ސަރަހައްދުގެ މުރަކަތައް މަރުވުމަކީވެސް އެކަށީގެންވާކަމެއް ކަމަށް ޕެޓިޝަންގައި ބުންޏެވެ.

ކަނޑުގެ ދިރުންތަކަށް އަސަރު ކުރުމުގެ އިތުރުން އެ ސަރަހައްދުން އިގުތިސޯދީ ނަފާ ހޯދަމުންދާ ވިޔަފާރިތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަމަށް ޕެޓިޝަންގައި ބުންޏެވެ. އެހެންވެ ޕެޓިޝަންގައި ގޮވާލާފައިވަނީ ދޮންފަނުގެ ފަޅު ހިއްކުމުގެ މަޝްރޫއުއާ މެދު ދެވަނަ ވިސްނުމަކަށް ދިޔުމަށެވެ. އަދި އެންވަޔަރަމެންޓް އިމްޕެކްޓު އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ނުހަދައި، ދޮންފަނު ފަޅު ހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދިއުމަށެވެ.

އެ ޕެޓިޝަންގައި މިހާތަނަށް ވަނީ 3،000 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައެވެ.