ރަސްމާލެ ހިއްކުމުގެ މުޅި މަޝްރޫއަށް ހަރަދުވާނެ ކަމަށް މިހާރު އަންދާޒާކުރެވެނީ 330 މިލިއަން އެމެރިކާ ޑޮލަރު ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި މިރޭ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރަސްމާލެ މަޝްރޫއު ފެށިގެން އައިއިރު މުޅި ތަން ހިއްކުމަށް 500 މިލިއަން އަދި 600 މިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ކުރިން އަންދާޒާކުރެވުނު ކަމަށެވެ. އެހެންނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން ހަރަދު ކުޑަކުރެވި، މިހާރު މުޅި ރަސްމާލޭގެ 1،009 ހެކްޓަރުގެ ބިން ހިއްކުމަށް ދައުލަތުން ހަރަދުވާނީ 330 މިލިއަން ޑޮލަރު ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ.

ކުރިން ހަދާފައިވާ އަންދާޒާތަކަކީ އޭރު ކުރިއަށްދިޔަ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުތަކުގެ ހަރަދުތަކާއި މާކެޓް ރޭޓުތަކަށް ބަލައިގެން ހެދި ހިސާބުތަކެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. ނަމަވެސް ޑްރެޖަރު ޗާޓަރުކޮށްގެން ބިންހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގައި ބިންހިއްކުމުގެ މަޝްރޫއުތައް ހިންގާފައިވާ އެހެން ރޭޓުތަކާ އަޅައިބަލާއިރު ވަރަށް ކުޑަ ހަރަދަކުން މި މަސައްކަތް ނިންމާލެވޭނެ ކަމަށް ވިދާޅުވިއެވެ.

މި އަހަރުގެ ނިޔަލަށް ބިންހިއްކުމުގެ ބޮޑުބައި ނިންމުމަށް އަމާޒު ހިފާފައިވާ އިރު، ސިޔާސީ ބޭނުމަށްޓަކައި އެ މަޝްރޫއަށް 600 މިލިއަން ނުވަތަ 1،000 މިލިއަން ޑޮލަރު ހަރަދުވާ ކަމަށްބުނެ ދައްކަމުންދަނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ދައްކާ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށްވެސް މިނިސްޓަރު މުއްތަލިބު ވިދާޅުވިއެވެ.