ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރިއަށްގެންދާ އެއް މަޝްރޫއު، ރަސްމާލެ މަޝްރޫއުގެ ތެރެއިން 800 ހެކްޓަރުގެ ބިން ހިއްކައި ނިންމައިފިއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރަސްމާލޭގެ ބިން ހިއްކުމުގެ އަޕްޑޭޓް ދެއްވަމުން ރައީސް ވިދާޅުވި ގޮތުގައި ހިއްކިފައިވާ ބިމުގެ ބޮޑުމިނަކީ ހުޅުމާލޭގެ ދެ ފިޔަވަހީގެ ޖުމްލަ ބޮޑުމިނަށްވުރެ ދެ ގުނަ ބޮޑު ސަރަހައްދެކެވެ. އަދި 1000 އެއްހާ ހެކްޓަރުގެ ތެރެއިން ބާކީ ހިއްކަންޖެހޭ ބިމުގެ މަސަައްކަތް ވެސް ބާރަށް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

ބޯހިޔާވަހިކަމުގެ ދާއިރާއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ސަރުކާރާ ހަވާލުވިއިރު ނުނިމި ހުރި އެތައް ހާސް ފުލެޓެއް ހުރި ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ގެންދެވެމުންދާ ކަމަށެވެ. ބީއެމްއެލް މެދުވެރިކޮށް 4000 އެއްހާ ހައުސިން ޔުނިޓު ގާއިމުކުރެވޭ ކަމަށާއި، މި ސަރުކާރުން ބޯހިޔާވަހިކަމަށް ހުޅުވާލި ފުރުސަތުގައި 58،000 ފަރާތަކުން ބޯހިޔާވަހިކަމަށް ކުރިމަތިލާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭގޮތުން ރައީސް ވިދާޅުވީ، އިސްލާމީ އުސޫލުތަކާ ފުށުއަރާ އެއްވެސް ކަމެއް މި ސަރުކާރުން ނުކުރާނެ ކަމަށެވެ. ރާ ވިއްކުމާއި އޫރުމަހާއި ކެސިނޯ ހެދުން ފަދަ ކަންކަމާ ގުޅޭ ހަމަތައް، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތް ރިއަލް އެސްޓޭޓް ބިލުގައި ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ފަޅުތެރޭގައި ވަކިން ހަދާ ރަށެއްގައި ހިނގާ ކަންކަމަކީ މީހުން ދިރިއުޅޭ ސަރަހައްދުތަކާ ގުޅުން ހުރި ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރުމަށް އަންނާނީ ހަމަތައް ގަބޫލުކުރާ ފަރާތްތައް އެކަނި ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ކަންކަމުގެ ހަގީގަތް އޮޅުވާލައި ނުރަނގަޅު ތަސައްވުރެއް އުފެއްދުމަކީ އިހުލާސްތެރި އަމަލެއް ނޫން ކަމަށެވެ. އެ ފަރާތްތަކުގެ ތާރީހަށް ބެލުމަށް ރައީސް ގޮވައިލެއްވިއެވެ.