އެމްޑަބްލިޔުއެސްސީއަށް ޑޮލަރުން އާމްދަނީ ހޯދުމަށް މަސައްކަތްކުރަމުން އަންނަ ކަމަށާއި މާ ލަސްތަކެއް ނުވެ އެކަން ހަމަޖެހިގެންދާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން މަތީން ވިދާޅުވީ ރާއްޖެއިން ބޭރުން ގެންނަން ޖެހޭ ތަކެއްޗާއި ޑީސަލަށް ފައިސާ ދެއްކުމަށް އެމްޑަބްލިޔުއެސްސީއަށް ޑޮލަރު ބޭނުންވާ ކަމަށާއި އެގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 25 މިލިއަނެއްހާ ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް ފާއިތުވި 30 އަަހަރުގެ ތެރޭގައި ޑޮލަރުން އާމްދަނީ ލިބޭނެ ގޮތްތަކެއް ހަމަޖެއްސިފައި ނެތުމުން ގިނަ ދަތިތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ މިހާރުގެ މެނޭޖުމަންޓުގެ، ބޯޑުގެ އެއް އަމާޒެއް އެއީ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ޑޮލަރުގެ އާމްދަނީ ލިބޭނެ ވަސީލަތްތަކެއް ހަމަޖެއްސުން، ދޮރުތަކެއް ހުޅުވުން. ކުރިއަށްއޮތް ތަނުގައި އެ މައްސަލަ ދާއިމީގޮތެއްގައި ހައްލުކުރުމަށް ރަނގަޅު މަސައްކަތްތަކެއް މިހާރު އެބަކުރެވޭ. އެ މަސައްކަތްތަކުގެ ނަތީޖާ އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފެނިގެންދާނެ މާ ލަސްތަކެއް ނުވެ،" އޭނާ ވިދާޅުވިއެވެ.

މަތީން ވިދާޅުވީ ޑޮލަރުން އާމްދަނީ ހޯދުމަށް ދެ އޭރިއާއަކުން މަސައްކަތްކުރާ ކަމަށާއި އެއް ކަމަކީ ޑޮލަރުން އާމްދަނީ ލިބޭ ކަސްޓަމަރުންގެ ތެރޭގައި ހިމެނޭ ޓޫރިސްޓް ފެސިލިޓީތަކުން ފައިސާ ދައްކާ އިރު، ޑޮލަރުން އާމްދަނީ ލިބޭނެ ގޮތެއް ހޯދުމަށް ކުރާ މަސައްކަތްތައް ކަމަށެވެ.

"މާފުއްޓަށް ބެލިޔަސް، މާލެއަށް ބެލިޔަސް. އެހެންވީމާ އަޅުގަނޑުމެން އެބަ ދިރާސާކުރަން އެބޭފުޅުންނަށް އެގްރީމަންޓަކަށް ދެވިދާނެތޯ އަޅުގަނޑުމެންނަށް އެބޭފުޅުން ޑޮލަރުން ޕޭމަންޓު ހަދަން. އެހެންވެއްޖެއްޔާ ކިތަންމެ ކުޑަ އެއްޗެއް ކަމުގައިވިޔަސް، އަޅުގަނޑުމެންނަށް ވަރަށް ބޮޑު ލުޔަކަށް ވާނެ. އަޅުގަނޑުމެން މިހާރު އެ ދިރާސާކުރަން ފަށާފައިވަނީ. އޭގެ ދިރާސާގެ އަލީގައި އަޅުގަނޑުމެން މި ބަލަނީ ކޮންމެވެސް ވަރެއް ވާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ.

މަތީން އިތުރަށް ވިދާޅުވީ ދެވަނަ ކަމެއްގެ ގޮތުގައި މިހާރު އެމްޓީޑީސީއާއެކު ސޮއިކޮށްގެން މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން އެމްޓީޑީސީން ހދ. އަތޮޅުގައި ތަރައްގީކުރާ ރިސޯޓު، ނާގޯށީގެ މަސައްކަތުގެ ތެރެއަށް އެމްޑަބްލިޔުއެސްސީއަށް ވަދެވޭނެ ގޮތެއް ހޯދުމަށް މަސައްކަތްކުރާކަން މަތީން ފާހަގަކުރެއްވިއެވެ.

"މިހާރު ނާގޯށީގެ މަސައްކަތް ވެސް އެވަނީ ފެށިފައި. ނާގޯށީގެ މަސައްކަތްކުރުމުގެ ތެރޭގައި އަޅުގަނޑުމެންނަށް އެކުގައި މަސައްކަތްކުރެވިދާނެތޯ ބެލުމަށް މިދަނީ މަސައްކަތްކުރަމުން،" އޭނާ ވިދާޅުވިއެވެ.

އެމްޑަބްލިޔުއެސްސީއަކީ ރަށްރަށުގައި ފެނާއި ނަރުދަމާގެ އެޅުމުގައި ޕްލޭނިން އިން ފަށައިގެން ޑިޒައިން އަދި އިމްޕްލިމެންޓޭޝަންގެ މަސައްކަތްތައް ވެސް ކުރާ ކުންފުންޏަކަށްވާތީ، އެ މަސައްކަތްތައް ފަތުރުވެރިކަމުގެ ދާއިރާގައި ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް މަތީން ވިދާޅުވިއެވެ.