އިންޑިއާނާގެ ބެންކްރަޕްސީ ވަކީލެއް ކަމަށްވާ މާކް ޒަކަބާގް، މެޓާއާއި އެ ކުންފުނީގެ ސީއީއޯ މާކް ޒަކަބާގްގެ މައްޗަށް ދައުވާއެއް ކޮށްފިއެވެ.

މި ދައުވާ ކޮށްފައިވަނީ، މެޓާގެ އެކައުންޓު ބަލަހައްޓާ ނިޒާމާ އެތައް ފަހަރެއްގެ މަތިން އޭނާއަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެންނެވެ.

ގާނޫނީ ހިދުމަތްތައް އިއުލާނު ކުރުމަށްޓަކައި ފޭސްބުކް ޕޭޖެއް ހިންގާ މި ވަކީލު ބުނާ ގޮތުގައި، 2017 ވަނަ އަހަރުން ފެށިގެން އޭނާގެ އެކައުންޓު އެތައް ފަހަރެއްގެ މަތިން ނުހައްގުން ބަންދުކޮށްފައިވެއެވެ. އޭނާ ހުށަހެޅި ޝަކުވާގައި ބުނެފައިވަނީ، މެޓާގެ އޮޓޯމެޓިކް ނިޒާމުތަކުން އަބަދުވެސް އޭނާގެ ޕްރޮފައިލް ފާހަގަކުރަނީ ކުންފުނީގެ ބާނީގެ ގޮތުގައި ހެދިގެން އުޅޭ މީހެއްގެ ގޮތުގައެވެ.

އޭނާ ބުނާ ގޮތުގައި، މިކަމުގެ ސަބަބުން އޭނާގެ ވިޔަފާރިއަށް ގެއްލުންވެ، މާލީ ގޮތުން ބޮޑެތި ހަރަދުތަކެއް ވެފައިވަނީ، އޭނާ އޭނާގެ ހަގީގީ ނަމުގައި މަސައްކަތް ކުރަމުން ދަނިކޮށެވެ.

ނަމާ ގުޅިގެން އުފެދޭ މި އޮޅުވާލުން އޭނާގެ ދިރިއުޅުމުގެ އެކި ހާލަތްތަކުގައި ތަކުރާރުކޮށް ދިމާވެފައިވެއެވެ. މިކަން ހާމަކުރުމަށްޓަކައި އޭނާ "iammarkzuckerberg.com" ގެ ނަމުގައި ވެބްސައިޓެއް ހަދާފައިވެއެވެ. އެ ވެބްސައިޓުގައި، ފޯނުކޯލުތަކުގައި އޮޅުވާލުންތަކާއި ދަތުރުފަތުރުކުރާއިރު ދިމާވާ ދަތިކަން ފަދަ ތަފާތު ތަޖުރިބާތައް އޭނާ ވަނީ ލިޔެފައެވެ. ބިލިއަނަރާ އޮޅުވައިލައިގެން ބައެއް ފަހަރު އޭނާއަށް ބިރުދެއްކުންތަކާއި ފައިސާއަށް އެދި ކޯލުތައް ވެސް ލިބެއެވެ.

މެޓާއިން ދިން ބަޔާނެއްގައި މިކަން ދެނެގަނެފައިވާ ކަމަށް ބުނެ، ވަކީލުގެ ޕޭޖު ތަކުރާރުކޮށް ފާހަގަކުރެވުނު ގޯސްތައް ތަހުގީގު ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. "ދުނިޔޭގައި އެކަކަށްވުރެ ގިނަ މާކް ޒަކަބާގް ހުންނާނެކަން އަޅުގަނޑުމެންނަށް އެނގޭ، އަދި އަޅުގަނޑުމެން މިކަމުގެ އަސްލު ހޯދަމުން މިދަނީ،" މެޓާއިން ބުނެފައިވެއެވެ.

މި ގޮންޖެހުންތަކާ އެކުވެސް، މި ވަކީލު ވަނީ މިކަން ފުރުސަތަކަށް ބަދަލުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި، "Mark Zuckerberg bankruptcy" ޖަހައި ގޫގުލްގައި ހޯދާލުމުން އަބަދުވެސް އެންމެ ކުރީގައި ފެންނަނީ އޭނާއެވެ. އޭނާގެ ވެބްސައިޓުގައި ބުނެފައިވަނީ، މެޓާގެ ބާނީއާ ދޭތެރޭ އޭނާއަށް އެއްވެސް ނުބައި ގަސްދެއް ނެތް ކަމަށާއި، ނަމަވެސް އެ ޓެކް ބިލިއަނަރަށް މާލީ ދަތިކަމެއް ދިމާވެއްޖެނަމަ، "ދެ މީހުންގެ ނަން އެއްވުމުގެ ގޮތުން" އޭނާ ކޯޓުގައި ތަމްސީލުކުރަން ތައްޔާރަށް ހުންނާނެ ކަމަށެވެ.