ލަންކާގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ޓާސްކު ފޯސްއެއް އެކުލަވާލައިފިއެވެ.

ސްރީ ލަންކާއިން އެގައުމުގެ ޓޫރިޒަމް ސެކްޓަ ޕްރޮމޯޓުކުރުމަށް ހާއްސަ ޓާސްކު ފޯސްއެއް އެކުލަވާލައި މަސައްކަތް ވެސް ވަނީ ފަށައިފައެވެ.

ލަންކާގެ ފޮރިން އެފެއާޒް އަދި ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް މިނިސްޓަރު ވިޖިތާ ހެރަތް ވިދާޅުވީ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް އުފެއްދި ޓާސްކުފޯސްގެ މަސައްކަތް ދެ ބަޔަކަށް ބަހާލާފައިވާ ކަމަށެވެ.

ޓާސްކު ފޯސްއަށް ކަނޑައަޅާފައިވާ ދެ މަސްއޫލިއްޔަތަކީ އެގައުމުގެ ޓޫރިޒަމް އިންޑަސްޓްރީ އަށް އާރޯކަން ގެނައުމާއި ގައުމުގެ އިގްތިސާދު އިތުރަށް ފުޅާކުރުމަށް ކުރެވެން ހުރި މަސައްކަތް ކުރުން ކަމަށް ވިޖިތާ ހެރަތް ވިދާޅުވިއެވެ.

ޓާސްކު ފޯސްގެ ފުރަތަމަ ބައްދަލުވުމުގައި ވަނީ މުސްތަގުބަލަށް ކުރާނެ ކަންކަމުގެ ޕްލޭންއެއް ހެދުމާއި ސަރުކާރާއި އަމިއްލަ ފަރާތްތައް ގުޅިގެން ކުރެވޭނެ ކަންކަން ބެލުން ކަމަށް އޮފިޝަލުން ބުނެއެވެ. އަދި ކުރިޔަށް އޮތް ޓޫރިޒަމް ސީޒަނަށް ލަންކާ ތައްޔާރުވުމަށް ކުރެވޭނެ ކަންކަން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ލަންކާއިން އެގައުމުގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށް އެކުލަވާލި ޓާސްކުފޯސްގައި އެގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތައް ހިމެނޭކަމަށް އޮފިޝަލުން ބުނެއެވެ.