ފުލުހުންގެ ވަޒީފާއިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ޖަމްޝީދާއި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު މުހައްމަދު (ޓޫފޯ) އަށް އަލުން ވަޒީފާދީފިއެވެ.

ޕޮލިސް ބޯޑުގެ ލަފައާއެކު ފުލުހުންގެ ހަތް އޮފިސަރަކު މަގާމުން ވަކިކުރަން 2021 ވަނަ އަހަރު ނިންމިއެވެ. އޭގެ ތެރެއިން ކޯޓަށް މައްސަލަ ހުށަހެޅީ ޖަމްޝީދާއި ޓޫފޯގެ އިތުރުން ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފާއި ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދާއި ސުޕްރިންޓެންޑެންޓް އިސްމާއިލް ޝަމީމެވެ.

އޭގެ ތެރެއިން ޝަރީފާއި ދާއޫދާއި ޝަމީމް ވަކިކުރަން ނިންމި ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ނެރުނު ކޯޓު އަމުރަކާ ގުޅިގެން އެ ބޭފުޅުން އަދިވެސް ތިއްބެވީ ވަޒީފާގައެވެ. ނަމަވެސް ޓޫފޯ އާއި ޖަމްޝީދަށް 10 އޮކްޓޯބަރު 2021 ގައި ވަނީ ވަޒީފާއިން ވަކިކުރުމުގެ ލިޔުންދީފައެވެ.

ފުލުހުން ޖަމްޝީދާއި ޓޫފޯއަށް ވަޒީފާ ދީފައިވަނީ ވަޒީފާއިން ވަކިކުރި އިރުވެސް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައެވެ.

އޮފިސަރުން ވަޒީފާއިން ވަކިކުރި މައްސަލައިގައި އެ ފަރާތްތަކުން ސިވިލް ކޯޓުގައި އެދުނީ އެ ބޭފުޅުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމި ނިންމުމާއި ޕޮލިސް ބޯޑުގެ އެ ނިންމުމުގެ މައްޗަށް ބިނާކޮށް، ޓޫފޯ އާއި ޖަމްޝީދު ވަކިކުރަން 10 އޮކްޓޫބަރު 2021 ގައި ފުލުހުންގެ އިދާރާއިން ނިންމި ނިންމުމަކީ ގާނޫނުއަސާސީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނާއި ގާނޫނީ އުސޫލުތަކާއި އަދުލު އިންސާފުގެ ހަމަތަކާ ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށާއި ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، ޕޮލިސް ބޯޑަށް ލިބިދޭ ބާރެއް ނޫން ކަމަށް ކަނޑައަޅައި ދިނުމަށެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ކުރި ހުކުމުގައި ވަނީ ފުލުހުންގެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑުގެ ނިންމުމަކުން އެ ފަރާތްތައް ވަކި ކުރެވޭނީ ތުހުމަތުކުރެވޭ މައްސަލައިގެ ބާވަތާއި ލިބިފައިވާ ހެއްކާއި ގަރީނާތަކަށް ބެލުމަށްފަހު ކަމަށް ގާނޫނުގައި ބުނާ ކަމަށެވެ.

އަދި އެ ފަރާތްތައް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ނިންމާފައިވާކަން ސާބިތުވާން ނެތަތީ އާއި ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން، އެ ފަރާތްތައް ފުލުހުންގެ ހިދުމަތުގެ ވަޒީފާއިން ވަކިކުރަން ނިންމުމުގެ ބާރު ޕޮލިސް ބޯޑަށް ލިބިފައިނުވާކަން ގާނޫނީ ސަރީހަ ނައްސުން އެނގެން ނެތް ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މުހައްމަދު އަހުމަދާއި ޖަމްޝީދު ވަކިކުރަން ނިންމި ނިންމުމާއި ދެން ތިބި އޮފިސަރުންނަށް ދީފައިވާ ނޯޓިސްއަކީ ގާނޫނާ ހިލާފަށް ދީފައިވާ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި، އެ ފަރާތްތައް ވަކިކުރަން ނިންމާފައިވާ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.

ދައުލަތުން އެ މައްސަލަ ހައިކޯޓުގައި އިސްތިނާފުކުރަން ހުށަހެޅުމުން، ފަސް އޮފިސަރުން ހުށަހެޅީ ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ކަމަށްބުނެ، އެ އަމަލުތަކަކީ އެކަށީގެންވާ ސަބެއް ނެތި އެހެން ފަރާތަކަށް ގެންލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުން ކަމުގައި ބެލެވޭ އަމަލުތަކެއް ކަމަށްބުނެ އިސްތިއުނާފު ފޯމު ބާތިލުކުރުމަށެވެ.

ފަސް އޮފިސަރުން އެ ހުށަހެޅުން ހުށަހެޅި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ހައިކޯޓުގައި ބަލަމުންދާ ގަޒިއްޔާގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރު ނެރެފައިވަނިކޮށް، ދަށު ކޯޓުގެ ހުކުމް ބަލައިގަނެ، އެ ހުކުމް ތަންފީޒުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް އަޅާފައިވާތީ ކަމަށްބުނެއެވެ.

އެގޮތުން އެ ހުކުމުގައި ހިމެނޭ ބައެއް ފަރާތްތަކަށް މަގާމުގެ ކުރިއެރުން ދިނުމާއި ހިދުމަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ހަނދާނީ ފިލާ އެރުވުން ފަދަ ކަންކަން ކޮށްފައިވާ ކަމަށްބުނެ، އެކަންކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރި ކަމަށާއި އަދި އެކަމުގެ ފުރިހަމަ މައުލޫމާތު ލިބެން އޮންނާނީ ދައުލަތަށް ކަމަށް ފަސް އޮފިސަރުންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަަތު ބެލެހެއްޓެވި ފަނޑިޔާރު ހަސަން ޝަފީއު "އިޖުރާއީ ނިންމުން" ގެ ރައުޔުގައި ވިދާޅުވެފައިވަނީ ދައުލަތުން ޝަރީއަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް ދައުލަތުން ހުށަހެޅި އިސްތިއުނާފު ފޯމު ބާތިލުކުރަން ޖެހޭ ކަމަށެވެ. ފަނޑިޔާރު ޝަފާއުގެ އެ ރައުޔަށް ފަނޑިޔާރު އަބްދުލްމާނިއު ހުސައިން ވަނީ ތާއީދުކުރައްވައިފައެވެ.

އެހެންވެ ދެ ފަނޑިޔާރުންގެ އައުލަބިއްޔަތުން ހައިކޯޓުން މިދިޔަ ޖުލައި މަހު އާންމުކުރި "އިޖުރާއީ ނިންމުން" ގައި ވަނީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަކީ މައުލޫއީ ގޮތުން ކުރިއަށްގެންދެވެން ނެތް މައްސަލައެއް ކަމަށެވެ.

އެ މައްސަލައިގައި ރައުޔު ތަފާތުވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ ގެ އެވެ. އެ ފަނޑިޔާރު ރައުޔަކަށްވީ އިސްތިއުނާފީ މައްސަލައާ މެދު މައުލޫއީ ގޮތެއް ކަނޑައެޅުމަށް ކުރިއަށް ގެންދިޔުމެވެ.

ހުކުމުގެ އިސްތިއުނާފު ހައިކޯޓުން ބަލައިނުގަތް ފަހުން، ދައުލަތުން އެ މައްސަލައިގައި އިސްތިއުނާފުކުރަން އިތުރަށް ހުށަހަޅައިފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަހަރު ފާސްކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ފުލުހުންގެ ލީޑަޝިޕްގައި ތިއްބަވަނީ ގާބިލު ބައެއްތޯ ފުލުހުންގެ ބޯޑުން ކަށަވަރުކުރަން ޖެހެއެވެ. އަދި އެކަން ކުރަން އަންގާފައި އޮންނަނީ ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައެވެ.

ފުލުހުންގެ ވަޒީފާއިން އެ ފަސް އޮފިސަރުން ވަކިކުރީ އެ ގާނޫނުގެ ދަށުން ޕޮލިސް ބޯޑަށް ލިބިގެންވާ ބާރުގެ ދަށުން ފުލުހުންގެ ހިދުމަތުގެ އިސްލާހަށްކަމަށް ބުނެއެވެ.