ގްލޯރިއަސް ޓްރޭޑިން އެންޑް ޝިޕިން ކޮމްޕެނީއަށް 150،000 ރުފިޔާ ދައްކަން މާލޭ ސިޓީ ކައުންސލްގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

މިއީ ވިލިމާލޭގައި ލޯކަލް މާރުކޭޓެއް އެޅުމަށްޓަކައި، މާލޭ ސިޓީ ކައުންސިލާއި، ގްލޯރިއަސް ޓްރޭޑިންއާ ދެމެދު 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ސޮއިކޮށްފައިވާ އެއްބަސްވުމަކާ ގުޅޭ މައްސަލައެެކެވެ.

މި އެއްބަސްވުމާ އެއްގޮތަށް ގްލޯރިއަސް ޓްރޭޑިންގެ ފަރާތުން ވިލިމާލެ މާރުކޭޓް ޕްރޮޖެކްޓްގެ މަސައްކަތް ނިންމުމަށްފަހު މާލޭ ސިޓީ ކައުންސިލާ ހަވާލުކުރިއެވެ.

ނަމަވެސް މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ، މި ޕްރޮޖެކްޓަށް ކަނޑައެޅުނު ޖުމްލަ އަގު ކަމަށްވާ، 2.5 މިލިޔަން ރުފިޔާގެ ތެރެއިން ރިސެންޓް ފައިސާގެ ގޮތުގައި ހިފަހައްޓާފައިވާ 125،841 ރުފިޔާ ރިޓެންޝަންގެ މުއްދަތު ހަމަވެގެން، ބިލު ހުށަހެޅުމުންވެސް މާލޭ ސިޓީ ކައުންސިލުން ފައިސާ ނުދިނުމުންނެވެ.

އެހެންކަމުން މާލޭ ސިޓީ ކައުންސިލުން އެ ފައިސާ ހޯދުމަށާއި، މި މައްސަލައިގެ ޝަރީއަތުގެ ހަރަދުގެ ގޮތުގައި 25،000 ރުފިޔާ ނަގައިދުމަށް އެ ކުންފުނީގެ ފަރާތުން ސިވިލްކޯޓަށް ހުށަހެޅިއެވެ.

މި މައްސަލަ ހުށަހެޅުމުން މައްސަލައަށް ޖަވާބުދާރީވުމަށް ކަނޑައަޅާފައިވާ 14 ދުވަހުގެ މުއްދަތުގައި މާލޭ ސިޓީ ކައުންސިލުން ޖަވާބުދާރީ ވެފައިނުވާތީ މައްސަލަ ހުށަހެޅި ފަރާތުން އެދުނުގޮތަށް ސިޓީ ކައުންސިލްގެ ގައިރު ހާޒިރުގައި ކޯޓުން ހުކުމްކުރިއެވެ.

ސިވިލްކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ، ގްލޯރިއަސް ޓްރޭޑިންގެ ފަރާތުން ހޯދުމަށް އެދިފައިވާ 125،841 ރުފިޔާއަކީ މާލޭ ސީޓީ ކައުންސިލުން އެ ފަރާތަށް ދައްކަން ޖެހޭ އެއްޗެއްކަމަށް ކަނޑައަޅައި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދިނުމަށް އެ ފަރާތުން އެދިފައިވާ 25،000 ރުފިޔާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ސިވިލްކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ.