ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެ އެއްބަސްވުމަކީ ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ދެމެދު ސޮއިކުރި އެއްބަސްވުމެކެވެ.

ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި، މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމުގެ މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުމަކީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މުޖުތަމައުގެ އެންމެހައި ފަރުދުންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި އަދި އެ އެއްބަސްވުމުގެ ސަބަބުން، މުޖުތަމައުގެ އެކި ގިންތިތަކުގެ މީހުންނަށް ވަޒީފާގެ ދާއިރާގައި ކުރިއަށްދިއުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.