ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ސެކްރެޓަރީ އޮފް ދަ ސެންޓްރަލް ކޮމިޝަން އަދި ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ޕޮލިޓްބިއުރޯގެ އިސް އޮފިޝަލެއް ކަމުގައިވާ ލީ ޝީ އާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ޗައިނާގެ ވެރިރަށް ބެއިޖިންގެ ޑިއައޮޔުޓައި ސްޓޭޓް ގެސްޓްހައުސްގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ލީ ޝީ ވަނީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގް ތަމްސީލުކުރައްވާފައި ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރުއަދާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި އެ ބައްދަލުވުމަކީ އެކި ދާއިރާތަކުން މުހިންމު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއްކަން ރައީސް ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުމުގެ ސަބަބުން ޗައިނާ އާއި ރާއްޖެއާ ދެމެދު މުހިންމު ދާއިރާތަކުން ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރައްވައި ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ލީ ޝީގެ ވާހަކައިގައި ދެގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އިސްކަންދޭ ކަންތައްތަކުގައި އެއްބާރުލުންދީ ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ގާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު