ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއިން މަޖިލީހަށް ބަަލައިގަތް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް އޮތް ބިލެއް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މިހާރު ދިރާސާކުރާ މަރުހަލާގައި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި އޮތް އެ ބިލަށް، އެޗްއާރުސީއެމުން ފޮނުވި ކޮމެންޓްތަކުގައި ބުނެފައިވަނީ، ބްލޮގަރުން، ނުވަތަ އޮންލައިންކޮށް އަމިއްލަ ހިޔާލު ފާޅުކުރާ، ނުވަތަ ވާހަކަ ހިއްސާކުރާ، ނުވަތަ އާ ހިޔާލުތައް ހުށަހަޅާ ކޮންމެ ފަރުދަކު ރަޖިސްޓްރީވެ، ލައިސަންސް ހޯދައި، ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓްކުރުމަށް ހުށަހެޅުމަކީ ކަންބޮޑުވާކަމެއް ކަމަށެވެ.

ބިލު އޮތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް، ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފު ގިނަ ކަންތައްތަކެއް ހިމެނޭގޮތަށް ކަމަށާއި، މިނިވަން އަޑުތައް ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމަށް ޑިމޮކްރެޓިކް ގައުމުތަކުން ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.

ޑިމޮކްރެޓިކް ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުން ކަމަށާއި އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ ގައުމުތަކުން އަމަލުކުރާ އުސޫލެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ސިޔާސީ ވާހަކަތަކަށް، ފުޅާ ދާއިރާއެއްގައި މިނިވަންކަން ދޭންވާނެ ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

ގައުމުތަކުގައި ކަން ހިނގަމުން އަންނަގޮތް ފާހަގަކޮށް އެޗްއާރުސީއެމް އިން ބުނެފައިވަނީ، އިނގިރޭސިވިލާތުގެ ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯ ފަދަ މިނިވަން މުއައްސަސާތަކުން ކަމަށާއި، ބްލޮގް ލިޔާ ނުވަތަ އޮންލައިންކޮށް ހިޔާލު ފާޅުކުރާ ފަރާތްތަކުން ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހޯދަން ނުޖެހޭ ކަމަށެވެ.

އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގައި ވެސް ބްލޮގިން އަދި އޮންލައިން ހިޔާލުފާޅުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމަށާއި އެކަމަށް ދައުލަތުގެ ރަޖިސްޓްރޭޝަނެއް ހޯދަން ނުޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

އަދި ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައަޅާ ކޮމިޝަންތަކާ ހިލާފަށް އިނގިރޭސިވިލާތުގައި، ޕްރިންޓް މީޑިއާއަށް އޮންނަނީ ސެލްފް ރެގިއުލޭޓް ނިޒާމެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

މީޑިއާ ބިލަކީ އަމިއްލަ ހައިސިއްޔަތުން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި ބިލެކެވެ.

އެ ބިލު އަނބުރާ ގެންދިއުމަށް މީޑިއާތަކާއި މީޑިއާއާ ގުޅުންހުރި ފަރާތްތަކުން ގޮވާލުމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި މިނިސްޓަރުންނާއި ވެރިކަންކުރާ ޕީއެންސީގެ ޕީޖީ ގްރޫޕުން ވަނީ ބިލު ދިފާއުކޮށް ވާހަކަދައްކަވައިފައެވެ.

މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.

މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވުން
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން