ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ އެއް ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ފާސްކޮށްފިއެވެ.

އެފްއޭއެމްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ދިވެހި ޕްރިމިއާ ލީގުގެ ގަވާއިދުގެ ދެވަނަ ނަމްބަރާއި އެ ގަވާއިދުގެ 12.2 ވަނަ ނަމްބަރުގައި ބަޔާންކުރާ، ޕްރިމިއާ ލީގުގައި ވާދަކުރާ ކްލަބެއް މުބާރާތް ފެށުމުގެ ކުރިން މުބާރާތުން ވަކިވުމުގެ ހާލަތު މެދުވެރިވެފައިވާ ކަމަށެވެ. އެއީ ކުރިން ފުރަތަމަ ޑިވިޝަނުގައި އޮތް ސުޕަ ޔުނައިޓެޑް (ސަސް) މުބާރާތް ދޫކޮށްލުމުންނެވެ.

އެ ހާލަތަށް ދިޔުމުން ދެވަނަ ޑިވިޝަނުން ކްލަބެއް ޕްރޮމޯޓް ކުރުމަށް ބަލައި، އެ ފަހަރު ސެމީ ފައިނަލުގައި ކުޅުނު ނިއުއާއި ޓެންޓް ސްޕޯޓްސް ކްލަބުގެ މެދުގައި ގޮތެއް ނިންމާފައި ވަނީ ކޮމްޕެޓިޝަން ކޮމިޓީން ކަމަށްވެސް އެފްއޭއެމްއިން ބުންޏެވެ. ބަޔާނުގައި ބުނީ ނިއުއަށް އެ ފުރުސަތު ދޭން ނިންމާފައި ވަނީ ސްޕޯޓިން ކްރައިޓީރިއާއަށް ބެލުމަށްފަހުގައި ކަމަށެވެ.

ނިއުއިން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވާނެ ކަމަށް މާ ކުރީ ބައިގައި ވަނީ ތައްޔާރުވެފަައެވެ. ޓީމުގެ ކޯޗަކަށް ކުރިން ގައުމީ ޓީމުގައި ހުރި ކާމިޔާބު ކޯޗު، އަލީ ސުޒޭން ގެންގޮސްފައިވާ އިރު، އަލީ އަޝްފާގު (ދަގަނޑޭ)، އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މާޒިޔާ ސްޕޯޓްސް ކްލަބު ދޫކޮށްލި ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު އިރުފާން (އިރޭ)، ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އަދި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ)ގެ ސޮއިވެސް އެ ޓީމުން ވަނީ ހޯދައިފައެވެ.

ނިއުއަށް ދިން ފުރަތަމަ ޑިވިޝަނުގެ ފުރުސަތާއެކު ބައެއް ފަރާތްތަކުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އެގޮތުން އެ ފުރުސަތު ހޯދީ "ނުހައްގުން" ކަމަށް ބައެއް ތަޖުރިބާކާރުން ބުނެފައިވާ އިރު، އެކަމުގެ ދިފާއުގައި ނިއުގެ ޗެއާމަން އަހުމަދު މުބީން ބުނީ، ނިއު ފުރަތަމަ ރެލިގޭޓް ކޮށްލީވެސް ނުހައްގުން ކަމަށެވެ.