ޖުއާއޯ ނެވޭސްގެ އޯވަހެޑް ކިކް ދެ ގޯލާއެކު ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ.

މިހާތަނަށް މި ސީޒަނުގެ ލީގުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ އިރު، ޓުލޫސްގެ މައްޗަށް ރޭ ކުރިހޯދީ 6-3 ގެ ނަތީޖާއަކުންނެވެ. މެޗުގައި ތިން ޕެނަލްޓީ ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ހާފުގައިވެސް ގިނަ ގޯލުތަކެއް ފެނިގެން ގޮސްފައިވެއެވެ.

ފުރަތަމަ 15 މިނެޓުގައި ތިން ގޯލު ފެނިގެން ގޮސްފައިވާ އިރު، އޭގެ ތެރެއިން ދެ ގޯލަކީ ނެވޭސްގެ އޯވަހެޑް ގޯލުތަކެވެ. އޭގެ އިތުރުން ބްރެޑްލީ ބާކޯލާގެ ގޯލެއް ފުރަތަމަ ކޮޅުގައި ފެނިގެން ގޮސްފައިވާ އިރު، އުސްމާން ޑެމްބެލޭގެ ޕެނަލްޓީއަކުން ޕީއެސްޖީން ހަތަރުވަނަ ގޯލެއްވެސް ޖެހިއެވެ.

ހާފު ނިމެން ދަނިކޮށް، ޗާލީ ކްރެސްވެލްގެ ގޯލަކާއެކު ޓުލޫސްއިން އުންމީދެއް ހޯދިއެވެ. އެހެން ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅުގައި ލިބުނު ޕެނަލްޓީ ކްރިސްޓިއަން ކަސެރެސް ޖޫނިއާ އަތުން ވަނީ ބޭކާރުވެފައެވެ.

އޭގެ ހައެއްކަ މިނެޓް ފަހުން ޕީއެސްޖީއަށް އިތުރު ޕެނަލްޓީއެއް ލިބި، ޑެމްބެލޭ ވަނީ އެޓީމުގެ ފަސްވަނަ ގޯލު ޖަހައިފައެވެ. މެޗުގެ ފަހުކޮޅުގައި ނެވޭސްގެ ހެޓްރިކް ފުރިހަމަ ކުރި އިރު، ޓުލޫސްގެ އަނެއް ދެ ގޯލު ޖެހީ ޔާން ބޯހޯއާއި އެލެކްސިސް ވޯސާއެވެ.