ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ދެގައުމުގެ ގުޅުން ހަރުދަނާ ކުރަން މަޝްވަރާ ކުރައްވައިފިއެވެ.
ރައީސް މުއިއްޒު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ގައުމަށް ފުރާވަޑައިގެންފައެވެ. ރައީސް މުއިއްޒަށް، ޝީ ޖިންޕިން އިއްޔެ ރަސްމީކޮށް މަރުހަބާ ދަންނަވާފައިވާ އިރު ރައީސް މިއަދުވަނީ ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފައެވެ.
އެ މަނިކުފާނު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނު ޗައިނާއަށް ވަޑައިގަތުމުން އެރުވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ޗައިނާގެ ޓިއަންޖިންގައި މިއަދު ޝީ ޖިންޕިންއާ ބައްދަލުކުރައްވައި އެކުގައި މަސައްކަތް ކުރަން ހުރި ކަންކަމާ ގުޅޭ ގޮތުންނާއި މިހާރު އެއްބާރުލުން ދެމުން އަންނަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރައްވާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުގެ ޒަމާންވީ ބަދަހި ގުޅުމަކީ ގާތް އެކުވެރިކަމާއި އެއް ގައުމުން އަނެއް ގައުމަށް އެދޭ ހެޔޮއެދުންތަކުގެ ބިނާވާ ގުޅުމެއް. އަދި ހަމަ އެ ގުޅުން ކުރިމަގުގައި ދެމެހެއްޓުމަށްމި ބައްދަލުވުމުގައި ވަނީ އަޒުމް އާކުރެވިފައި،" ރައީސް ވިދާޅުވިއެވެ.
އަދި ރައީސް ވިދާޅުވީ ޗައިނާއިން 2028 ވަނަ އަހަރާ ހަމައަށް އެކުލަވައިލައިފައިވާ ޗައިނާ މޯލްޑިވްސް ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނާޝިޕްގެ ދަށުން، ދެ ގައުމުގެ ރައްޔިތުންނަށްވެސް ފައިދާވާނެހެން ގުޅުން ބަދަހިވެގެންދާނެކަން ޔަގީން ކުރައްވާ ކަމަށެވެ.
ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް، ޗައިނާއަށް ވަޑައިގެންނެވީ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. ވަކީން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިގްތިސޯދު ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް ބަޔާނެއް ދެއްވާނެކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
އެސްސީއޯއަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސޯދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަހައްދުގެ ހަ ޤައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
ޖިއޯގްރަފީއާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާކަމަށްވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެއެވެ.
އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެއެވެ. ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު