ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއިން ވަޑައިގެންނެވުމުން އެގައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ރައީސް ކުރައްވާ މި ދަތުރުފުޅުގައި ޗައިނާއަށް ފުރާވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.
ރައީސް މުއިއްޒު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ޗައިނާގެ އިމަޖެންސީ މެނޭޖްމަންޓް މިނިސްޓަރު ވަންގ ޝިއާންގޒީ އާއި، ޗައިނާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޑރ. ފަޒީލް ނަޖީބު އަދި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގ ޝިއާންހުއާ އެވެ.
ރައީސް މުއިއްޒުގެ ޝަރަފުގައި ބެއިޖިން ކެޕިޓަލް އިންޓަނޭޝަނަލް އެއާޕޯޓުގައި އެމަނިކުފާނަށް އޮނާ ގާޑެއް އަރުވައި އަދި ރަސްމީ ދަތުރުފުޅުގެ ޝަރަފުގައި ސަގާފީ ހަފްލާއެއްވަނީ ބާއްވައިފައެވެ.
ރައީސް އޮފީހުން ރޭ ބުނީ މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީ ޖިންޕިން އަދި އެހެން ބައެއް ގައުމުތަކުގެ ލީޑަރުންނާ ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
އަދި އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. ވަކީން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިގުތިސޯދު ރޫޅިގެންދާ ދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް ބަޔާނެއް ދެއްވާނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.
އެސްސީއޯއަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސޯދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަހައްދުގެ ހަ ގައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.
ޖިއޯގްރަފީއާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާކަމަށްވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެއެވެ.
އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެއެވެ. ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.
އާއިޝަތު މާހާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު