ރާއްޖޭގެ ޓޫރިޒަމްގެ އެއް ބާނީ، ޔުނިވާސަލް އެންޓަޕްރައިސެސްގެ އެއް ހިއްސާދާރު ކޮލިގޭ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު)ގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ މިސްކިތެއް ބިނާކުރެއްވުން ކަމަށާއި އެކަން ކޮށްދިނުމަށް މިހާރު ބިމެއް ހަމަޖައްސައިދީފައިވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިއަދު ވިދާޅުވީ އެމްޔޫ މަނިކަކީ ދީނީ، އިޖުތިމާއީ، ތައުލީމީ ކަންތައްތަކާއި މީހުން ބިނާކުރެއްވުމަށް ވަރަށް ބޮޑު އަހައްމިއަޔަތުކަމެއް ދެއްވި ބޭފުޅެއް ކަމަށެވެ. މިސްކިތްތައް ބިނާކުރެއްވުމާއި މަރާމާތު ކުރެއްވުމަށް އެހީތެރިކަންވެސް ދެއްވި ބޭފުޅެއް ކަމަށެވެ.

"އެމަނިކުފާނު އަވަހާރިވި އާލާސްކަންފުޅާ ގުޅިގެން ސިންގަޕޫރަށް ފުރުއްވުމުގެ ކުރިން ވެސް ހުޅުމާލެ ސަރަހައްދުގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމަށް ސިޓީއެއް މިނިސްޓްރީއަށް ފޮނުއްވާފައިވޭ. އެމަނިކުފާނުގެ ހަޔާތުގެ އެންމެ ފަހުގެ އުންމީދަކީ ވެސް މިސްކިތެއް ބިނާކުރެއްވުމެވެ. ސިޓީއެއް ފޮނުއްވުމުގެ އިތުރުން ބޭފުޅަކު ފޮނުއްވައި އެއީ ވަރަށް ބޮޑަށް ބޭނުންފުޅުވާކަމެއް ކަމަށާއި ވީ އެންމެ އަވަހަކަށް މިސްކިތް އެޅުމަށް ޖާގައެއް ހަމަޖައްސަވައިދެއްވުމަށް އެދިލައްވާފައިވޭ،" ޝަހީމް ވިދާޅުވިއެވެ.

އެހެންވެ، މިހާރު ޖާގައެއް ވެސް އެކަމަށް ހުޅުމާލެ ސަރަހައްދުގައި ހަމަޖައްސާފައިވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.

އޭނާ އަވަހާރަވީ ހާލުކޮޅު ދެރަވެ، ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު 6:30ގައި، ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ހޮސްޕިޓަލުގައެވެ.

އެމްޔޫ މަނިކުގެ މައްޗަށް ގައިބަށް ކުރާ ކަށުނަމާދު މިއަދު އަސުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރަން ވަނީ ހަމަޖައްސައިފައެވެ.