ކުޅުންތެރިންނަށް ގިނައިން އަނިޔާގެ މައްސަލަތަކާ ދިމާވަނީ ގިނަ މެޗު ކުޅެން ޖެހުމުން ކަމަށާއި، ކޯލް ޕާމާގެ އަނިޔާވެސް ގުޅިފައި ވަނީ ޝެޑިއުލްގެ ބުރަ ކަމާ ކަމަށް ޗެލްސީ ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ޗެލްސީ ތަރި، ޕާމާއަށް އަނިޔާވީ އެންމެފަހުން އެޓީމުން ވެސްޓް ހޭމްއާ ދެކޮޅަށް ކުޅުނު މެޗުގެ ވާމް އަޕްގައެވެ. ކޯޗު އެންޒޯ މަރެސްކާ ބުނީ، ލީގުގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައިވެސް ޕާމާ ހުރީ ކޮންމެވެސް ވަރެއްގެ އަނިޔާއެއްގައި ކަމަށާއި، އެ އަނިޔާއަކީ ހައިރާންވި އަނިޔާއެއް ނޫން ކަމަށެވެ.

"އެއީ ހައިރާންވި ކަމެއް ނޫން. އަނިޔާގެ މައްސަލަތައް ބޮޑު ވަނީ ހަމަ މެޗުތައް ގިނަވާތީ. އަހަރެމެން ޓީމަށް މިދިޔަ ސީޒަނުގައި އެންމެ ގިނަ މެޗު ކުޅުނީ ޕާމާއާއި ކޮލްވިލް އަދި ކައިސޭޑޯ. އެ ތިން ކުޅުންތެރިންނަށްވެސް އަނިޔާގެ މައްސަލަތައް އެބަ ކުރިމަތިވޭ. ކޮލްވިލްއަށް ބޮޑު އަނިޔާއެއްވެފައި މިވަނީ. ދެން ޕާމާއަށް އަނިޔާވި އިރު، ވެސްޓް ހޭމް މެޗަށްފަހު އަދި ކިރިޔާ ކައިސޭޑޯ އެ ނުކުތީ ތަމްރީނުކަމަށް،" މަރެސްކާ ބުންޏެވެ.

މި ސީޒަނަށް ޗެލްސީ ކުރިމަތިލީ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކުރުމަށްފަހުއެވެ. އެ މުބާރާތާއެކު އެ ޓީމަށް ގިނަ މެޗުތަކެއް ކުޅެން ޖެހިފައިވާ އިރު، ކޮލްވިލް ވަނީ ލީގުގައި ކުޅުނު 38 މެޗުގެ ތެރެއިން 35 މެޗު ކުޅެފައެވެ.

މަރެސްކާ ބުނީ މިދިޔަ ސީޒަނުގެ ކުރިން މެންޗެސްޓާ ސިޓީގެ ރޮޑްރީއަށްވެސް އަނިޔާވީ މެޗުތައް ގިނަ ވެގެން ކަމަށާއި، ޗެލްސީއަށް މި ސީޒަނުގައި އެ ހާލަތު ދިމާވާނެ ކަމަށެވެ. އަދި އެކަމަށް ޓީމު ތައްޔާރުކުރުން އެއީ ޒިންމާއެއް ކަމަށް ދެކޭ ކަމަށްވެސް މަރެސްކާ ބުންޏެވެ.

ޗެލްސީން މި ހަފުތާގެ ލީގުގައި ނުކުންނާނީ ފުލަމްއާ ދެކޮޅަށެވެ.