ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޗައިނާއަށް މިރޭ ފުރަވަޑައިގެންފިއެވެ.

ރައީސް އޮފީހުން މިރޭ ބުނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، ރައީސް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ޝީ ޖިންޕިން އަދި އެހެން ބައެއް ގައުމުތަކުގެ ލީޑަރުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި އެސްސީއޯ ސަމިޓުގެ މަތީ ފަންތީގެ ބައްދަލުވުންތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. ވަކީން ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާއި، އިސްތިރާޖީ ސަބަބުތަކާހުރެ އިގްތިސޯދު ރޫޅިގެންދާދިއުމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަށް ހައްލު ހޯދުމުގައި ބައިނަލްއަގުވާމީ އެއްބާރުލުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެސްސީއޯ ޕްލަސް ބައްދަލުވުމުގައި ރައީސް ބަޔާނެއް ދެއްވާނެކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.

އެސްސީއޯއަކީ ޔޫރޭޝިޔާ ސަރަހައްދުގެ ސިޔާސީ، އިގްތިސޯދީ އަދި ދިފާއީ ކަންކަމަށް އަމާޒުކޮށްގެން، އެ ސަރަހައްދުގެ ހަ ޤައުމަކުން އެކުލަވާލާފައިވާ ސަރަހައްދީ ޖަމިއްޔާއެކެވެ. 2001 ވަނަ އަހަރު އެ ޖަމިއްޔާ އުފައްދާފައިވަނީ، ޗައިނާ، ރަޝިޔާ، ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބެކިސްތާނުންނެވެ.

ޖިއޯގްރަފީއާއި އާބާދީގެ ނިސްބަތުން ދުނިޔޭގެ އެންމެ ބޮޑު ސަރަހައްދީ ޖަމިއްޔާކަމަށްވާ އެސްސީއޯގައި މިހާރު 10 މެންބަރު ގައުމު ހިމެނެއެވެ.

އަދި އޮބްޒާވަރުންނާއި ޑަޔަލޮގް ޕާޓްނަރުންގެ ގޮތުގައި އިތުރު ގައުމުތައް ހަރަކާތްތެރިވެއެވެ. ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.