މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ ރައީސް އަލީ ރިފްޝާނަށް އިންޒާރު ދީފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އަދި މިހާރު މަޖިލީހުގެ ކޮމިޓީގެ މަރުހަލާގައިވާ މީޑިއާ ރެގިއުލޭޝަން ބިލުގައި ހުރި ކަންކަމުގެ ސަބަބުން މިނިވަން ނޫސްވެރިކަން ނެތިދާނެކަމުގެ ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިންދަނީ އެ ބިލު، މަޖިލީހުން ބޭރުކުރުމަށް ގޮވާލައި ހަރާކަތްތައް ކުރިއަށް ގެންދަމުންނެވެ. އެގޮތުން އެ ބިލު ބޭރުކުރުމަށް ގޮވާލައި މުޒާހަރާއެއް ބާއްވާފައިވާއިރު، އެ ބިލު ބޭރުކުރުމަށް ގޮވާލައިވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ. އަދިވަނީ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އިއްޔެ ހިއްސާކުރައްވައިފައެވެ.

އެމްޖޭއޭއާއެކު، ބޭއްވި އެ ބައްދަލުވުމަށްފަހު ރައީސް މުއިއްޒު، މުލިއާގެއަށް ވަޑައިގަންނަވަނިކޮށް، މީޑިއާ ފެންޑާގައި މުޒާހަރާކުރަމުންދިޔަ ނޫސްވެރިންވަނީ ރައީސްގެ ފަހަތްޕުޅުން ވަޑައިގެން ބިލު ބޭރުކުރުމަށް ގޮވާލައިފައެވެ. އަދިވަނީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު، ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު ނޫސްވެރިން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ދެއްކި ވާހަކަތަކާ ގުޅިގެން ރައީސްއާ ސުވާލުކުރައްވައިފައެވެ.

ރައީސް، ފަހަތްޕުޅުން ނޫސްވެރިން ދިޔުމާ ގުޅިގެން އެކްސްގައި ހިންގާ އެކައުންޓަކުން، ރިފްޝާނަށްވަނީ އިންޒާރުގެ މެސެޖެއް ފޮނުވައިފައެވެ.

"ސަލާމް. ތި ފާޑަށް ނޫޅުއްވާ. ތިބޭފުޅާގެ ކުދިންކޮޅު ލައްވާ އަހަރުމެންގެ ރައީސްގެ ފަހަތުން ދުވަން ނަހަދާ. ރައީސްގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާނުލެވޭނެ. ތިބޭފުޅާއަށް ދެން މަންޒަރު ފެންނާނީ ބިލަށްވުރެ ގޯސްކޮށް. އަހަރުމެންގެ ރައީސްގެ ސަޕޯޓަރުން ދެން ދުވާނީ ތިބޭފުޅާގެ ފަހަތުން. ދެން ޖެހޭނީ ހިތާމަކުރަން. އަވަހަށް މަގާމުން އިސްތިއުފާ ދެއްވާ. މިއީ ދިވެހިންގެ ރާއްޖެ، ހަދާނީ އަހަރުމެން ބޭނުން ގޮތަށް. ބިލް ވެސް އޮތް ގޮތަށް ފާސްކޮށްލާނީ. ކޮންޓްރޯލް ކުރާނެ. ތިބޭފުޅާއަށް އޮތް ގޮތް ވަރަށް އަވަހަށް ފެންނާނެ.". އެ މެސެޖުގައިވެއެވެ.

އެ އިންޒާރުގެ މެސެޖު ފޮނުވި އެކައުންޓު މިހާރުވަނީ ޑިލީޓްކޮށްފައެެވެ.

އެ މައްސަލަ ފުލުހަށް ހުށަހެޅުމުގެ ކަންކަން އެމްޖޭއޭއިން ދަނީ ކުރަމުންނެެވެ.