ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވި މައްސަލަ ބެލުމާމެދު ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ލަފާ ހޯދަން ހުށަހަޅައިފިއެވެ.
ފުލުހުން މިރޭ ބުނީ މަޖިލީހުގެ މެންބަރަކު މަޖިލީހުގެ ތަޅުމުގައި ދައްކާފައިވާ ވާހަކައަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ން ހުށަހަޅާފައިވާ މައްސަލަ ތަހުގީގުކުރުމަށް ގާނޫނާ ލަފައަކަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށެވެ.
އެގޮތަށް އެދިފައިވަނީ އިއްޔެކަމަށް ފުލުހުން ބުންޏެވެ.
މި އަހަރުގެ ދެވަނަ ދައުރު ނިންމައި، ޗުއްޓީގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި "މީޑީއާ ކޮންޓްރޯލްކުރާ ބިލު" ގެ ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލަކީ މީޑިއާގައި މަސައްކަތްކުރާ އެއްވެސް ފަރާތަކަށް ހުރަހެއް އޮތް ބިލެއް ނޫން ކަމަށެެވެ.
މީޑިއާގެ ސަބަބުން ވަރަށް ނިކަމެތި ކަމެއް ލިބުނު ކަމަށް ވިދާޅުވެ ފަލާހު ވަނީ އޭނާއަކީ "އެއްޖިންސުން ގުޅުން ހިންގާ" ބޭފުޅެއް ކަމަށް މީޑިއާގައި ފަތުރާފައިވާ ކަމަށް ތުހުމަތުކުރައްވައިފައެވެ.
"މި ލެވެލްގައި މަސައްކަތް ކުރީމަ މީޑިއާ ގެންގޮސް ޖަލަކަށް ނޫން ލާންވީ. އުލުބައިންދަންވީ. އުލުބައިންދަންވީ އިނގޭތޯ ރައީސް. ސީދާ އުލުބައިންދަންވީ އެގޮތަށް މަސައްކަތްކުރާ ބޭފުޅުން،" ފަލާހު ވިދާޅުވެފައިވެއެވެ.
ދިވެހި ބަހުގެ ރަދީފުގައިވާ ގޮތުން އުލުބޭންދުމަކީ އިހުޒަމާނުގައި މީހުން މަރަން ހަދާ ގޮތެކެވެ.
ފަލާހު އެހެން ވިދާޅުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް އެމްޖޭއޭއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިނުވުން ހިމެނޭ އިރު، ފަލާހް ދެއްކެވި ވާހަކަތަކަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.
އެއީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންގެ މައްޗަށް އަނިޔާވެރިވުމާއި، އެމީހުންނަށް ޖިސްމާނީ ގެއްލުންދީ، ބިރުދައްކާ ހެދުމަށް ހިތްވަރުދީ އޭނާ ދެއްކި ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.
"ޒިންމާދާރު ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަނިޔާވެރިކަމަށް ގޮވާލައި ދައްކާ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ނުހަނު ބޮޑެތި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެންދޭ،" އެމްޖޭއޭއިން ބުންޏެވެ.
އަދި އެކަމަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް