ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ނޫސްވެރިން ލާންވީ ޖަލަށް ނޫން ކަމަށާއި އެ މީހުން "އުލުބައިންދަންވީ" ކަމަށް ވިދާޅުވެ ދެއްކެވި ވާހަކައާ ގުޅިގެން، އެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އިންނެވެ.

އެކަމާ ބެހޭގޮތުް އެމްޖޭއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްލާމްދީނުގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި އެއްވެސް މީހެއްގެ މައްޗަށް އަނިޔާވެރިނުވުން ހިމެނޭ އިރު، ފަލާހް ދެއްކެވި ވާހަކަތަކަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަތަކެއް ކަމަށް ބުނެފައިވެއެވެ.

އެއީ ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންގެ މައްޗަށް އަނިޔާވެރިވުމާއި، އެމީހުންނަށް ޖިސްމާނީ ގެއްލުންދީ، ބިރުދައްކާ ހެދުމަށް ހިތްވަރުދީ އޭނާ ދެއްކި ވާހަކަތަކެއް ކަމަށްވެސް ބުނެފައިވެއެވެ.

"ޒިންމާދާރު ނުފޫޒުގަދަ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަނިޔާވެރިކަމަށް ގޮވާލައި ދައްކާ މިފަދަ ޒިންމާދާރުކަން ކުޑަ ވާހަކަތަކުން ނޫސްވެރިންނާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ނުހަނު ބޮޑެތި ބިރުވެރިކަމުގެ ތެރެއަށް ވެއްޓިގެންދޭ،" އެމްޖޭއޭއިން ބުންޏެވެ.

އަދި އެކަމަކީ މުޖުތަމައުގެ އަމަންއަމާންކަން ގެއްލި ހަމަނުޖެހުމަށް ގައުމު ވެއްޓިގެން ހިނގައިދާނެ ފަދަ ވާހަކަތަކެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

އެހެންކަމުން ބައެއްގެ މައްޗަށް އަނިޔާވެރިވެ، އެމީހުން މެރުމަށް ފަލާހު ގޮވައިލެއްވި މައްސަލަ ބަލައި ތަހުގީގުކޮށް، އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް އެމްޖޭއޭއިން ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީންގެ ކިބައިން ވަނީ އެދިފައެވެ.