ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލާ ގުޅިގެން ރައީސް އޮފީހުން މިއަދު ބާއްވަމުންދިޔަ ނޫސްވެރިންގެ ބައްދަލުވުމަށް ދިޔަ ގިނަ ނޫސްވެރިން، އެ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކޮށް ބައްދަލުވުމުން ނުކުމެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އިއްޔެ ވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި ބަލައިގަނެފައެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގައެވެ.
މިދިޔަ ހަފުތާގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. އިއްޔެ މަޖިލިސް އިދާރާދޮށަށް އެއްވެ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުވެސްވަނީ ކޮށްފައެވެ. އޭގެ ފަހުން ރައީސް އޮފީސް ދޮށާއި މުލިއާގޭ ސަރަހައްދުގައިވެސް ނޫސްވެރިންވަނީ މުޒާހަރާކޮށްފައެވެ.
މީޑިއާ ކޮމިޝަންގެ ބިލާ ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ރައީސް މުއިއްޒުއާ ހިއްސާކުރެއްވުމަށް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިފައިވުމުން، ރައީސް ވަނީ މިއަދު އެ ޖަމިއްޔާއާ ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ޕްރެސް ދެއްވަމުން ދަނިކޮށް، ގިނަ އަދަދެއްގެ ނޫސްވެރިން، އެ ނޫސްވެރިންގެ ބޮއިކޮޓް ކުރީ އުޝާމުގެ ފަރާތުން އެކަށީގެންވާ ޖަވާބުތަކެއް ސުވާލުތަކެއް ނުދެއްވާތީއެވެ. އަދި އެ ބިލު، މަޖިލީހުން ބޭރުނުކުރާނެކަމަށް އުޝާމް ވިދާޅުވުމުން ގިނަ ނޫސްވެރިންވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.
އުޝާމްއާ ސުވާލުކުރެއްވި ނޫސްވެރިންވަނީ، ސުވާލުތަކަށް ޖަވާބު ނުލިބޭކަން ފާހަގަކޮށްފައެވެ. އެފަހުން ނޫސްވެރިއަކާ، އުޝާމްއާ ދެމެދު ވަނީ ޒުވާބުކުރާ މޭރުމަކުން މުއާމަލާތްތައް ކޮށްފައެވެ.
އެ މުއަމަލާތުގެ ތެރެއިން އެ ނޫސްވެރިޔާވަނީ ނޫސްވެރިންގެ ބައްދަލުވުން ބޮއިކޮޓްކުރިކަމަށް ބުނެފައެވެ. އެއަށް ދެން ތިބި ގިނަ އަދަދެއްގެ ނޫސްވެރިން ތާއިދުކޮށްފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އުޝާމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލް މަޖިލީހުން ބޭރުކޮށްލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އޭޖީ އޮފީހުގެ ފަރާތުން އެ ބިލު ދިރާސާ ކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ބިލުގައި ހުރި މާއްދާތައް ދިރާސާކުރީއިރުގައި އަދި މިހާތަނަށް މި މަސައްކަތާ ގުޅޭ ގޮތުން މީގެ ކުރިން ބަންޑާރަނައިބުގެ އޮފީހުގައި ކުރެވިފައި ހުރި މަސައްކަތްތަކާއި އެކިއެކި ފަރާތްތަކުން ހުށަހަޅާފައި ހުރި ހުށަހެޅުންތަކަށް ބަލާއިރުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ، އަޅުގަނޑުގެ އޮޕީނިއަންއަކީ މިހާރު ހުށަހަޅާފައި އޮތް ބިލު އިތުރަށް ދިރާސާކުރުމަށް ފަހު ރަނގަޅުކޮށްގެން ކުރިއަށް ދެވިދާނެ ކަމަށް،" އުޝާމް ވިދާޅުވިއެވެ.
"އަޅުގަނޑެއް ގަބޫލެއް ނުކުރަން ބިލު އަނބުރާ ނަގަންޖެހޭނެ ކަމަކަށް،"
ނަމަވެސް އެ ބިލުގައި ހުރި ކަންކަމަށް ސަރުކާރުގެ ފަރާތުން އިސްލާހު ހުށަހަޅާނެކަމަށް އުޝާމް ވިދާޅުވިއެވެ.
އުޝާމް ވިދާޅުވީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން 2022 ވަނަ އަހަރު އޭޖީ އޮފީހަށް ޑްރާފްޓް ބިލެއް ފޮނުވާފައިވާ ކަމަށެވެ. މިހާރު މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި އެމްއެމްސީން 2022 ވަނަ އަހަރު ހުށަހެޅި ބިލާއި މާބޮޑު ތަފާތެއް ނެތްކަމަށް އުޝާމް ވިދާޅުވިއެވެ.
އެމްއެމްސީން، އޭޖީއަށް އޮފީހަށް ފޮނުވި ބިލުގައި މާބޮޑަށް ހަރުކަށި ކަންތައްތަކެއް ހުރިކަމަށް އުޝާމް ވިދާޅުވިއެވެ. ނޫސްވެރިން އެ ބިލާ ގުޅިގެން ކަންބޮޑުން ފާޅުނުކޮށް، މިފަހުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ކަންބޮޑުވުން ފާޅުކުރުން އެހާ އެހާނޫންކަމަށް އުޝާމް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް
އެޓާނީ ޖެނެރަލް އަހުމަދު އުޝާމް