ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ތިން މެންބަރަކު މީޑިއާ ކޮމިޝަންގައި ތިބެން ވާނެކަމަށް ބިލުގައި ހިމަނައިފައިވީ ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު، ބޭނުންފުޅުވަނީ އެ މަނިކުފާނު އައްޔަންކުރައްވާ އެއްވެސް މެންބަރަކު މީޑިއާ ކޮމިޝަންގައި ނުތިބޭ ގޮތަށް އެ ބިލު އިސްލާހު ކުރަންކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. އިއްޔެ މަޖިލިސް އިދާރާދޮށަށް އެއްވެ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުވެސްވަނީ ކޮށްފަ އެވެ. އޭގެ ފަހުން ރައީސް އޮފީސް ދޮށާއި މުލިއާގޭ ސަރަހައްދުގައިވެސް ނޫސްވެރިންވަނީ މުޒާހަރާކޮށްފަ އެވެ.

ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު މަސައްކަތްކުރަމުން އަންނަނީ ރައީސް އޮފީހުގައި ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގަ އެވެ. ނޫސްވެރިން އެތަނުގައި ތިއްބާ ހަލީލް އަދި އަސްވާޑު ވަޑައިގެން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ހަލީލް ވިދާޅުވީ ސަރުކާރުންވެސް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް މީޑިއާ ކޮންޓްރޯލް ކުރެއްވުމަށް ތާއީދު ނުކުރައްވާ ކަމަށެވެ. މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްވެގެންދާނީ މީޑިއާތަކުގެ އަޑުއަހައި، މީޑިއާތަކުންވެސް ބޭނުން ގޮތަށް ކަމަށް ދެކެވަޑައިގަންނަވާކަމަށް ހަލީލު ވިދާޅުވިއެވެ.

"ދެން މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ އެއޮތީ ވިދާޅުވެފަ އެ މަނިކުފާނުގެ ކޮންޓްރޯލް އޮންނަ ގޮތަށް ރައީސެއްވެސް އެތަނަށް އައްޔަންކުރާކަށް، މެންބަރަކުވެސް އައްޔަންކުރާކަށް ބޭނުންފުޅެއް ނުވެއޭ. މެންބަރުން އައްޔަން ކުރުމުގަވެސް ރައީސްގެ އެއްވެސް ރޯލެއް ބާއްވާކަށް ރައީސް ބޭނުންފުޅެއް ނުވޭ" ހަލީލް ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ނޫސްވެރިން ބޭނުންވާ ގޮތާ ހިލާފަށް އެ ބިލު ފާސްވެއްޖަނަމަ "ނޫސްވެރިން ތިގޮތަށް ނުތިއްބަވާނެ" ކަމަށެވެ. އެ ބިލު ބޭރުކޮށްލުމުން މީޑިއާތަކަށް އޮތް ފައިދާ ނޫސްވެރިން ސާފުކޮށްދޭން ޖެހޭކަމަށް ހަލީލު ވިދާޅުވިއެވެ.

"ތިބޭފުޅުން ހަމަ އެކެއް، ދޭއް، ތިނެއް، ހަތަރެއް ކިޔާފަ ބޮޑު ލިސްޓެއް ގޮތަށް ދިވެހި ސަރުކާރަށް ނުވަތަ މަޖިލީހަށް ދެއްވަންވީނޫންތޯ މިއޭ ތިމަންނަމެން އެދޭ ކަންތައްތަކަކީ" ހަލީލް ވިދާޅުވިއެވެ.

ނަމަވެސް އެކަން އެގޮތަށް ކުރުމުގެ ބަދަލުގައި އެ ބިލު "ނެރޭށޭ، ބޭރުކޮށްލަށޭ" ފަދަ މޭރުމަކުން ނޫސްވެރިން ވާހަކަދެއްކުމަކީ އެހާ ރަނގަޅު ގޮތެއްނޫން ކަމަށް ހަލީލު ވިދާޅުވިއެވެ.

އަމިއްލަ ހައިސިއްޔަތުން "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" ހުށަހަޅުއްވާފައިވަނީ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލުގައިވަނީ މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފައެވެ. އެގޮތުން މީޑިއާ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުން ރުހުން ހޯދަން ޖެހެއެވެ.

އަދި މީޑިއާތަކުން ކޮމިޝަންގައި ހިމެނޭ މެންބަރުން އިންތިހާބު ކުރާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންކަމަށް ބިލުގައިވެއެވެ.

ކޮމިޝަންގެ ރައީސާއި ނައިބު ރައީސް އައްޔަންކުރާ ގޮތަށް ވެސް ވަނީ ބަދަލެއް ގެނެސްފައެވެ. ބިލުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާނީ ހަމައެކަނި ކޮމިޝަންގެ ރައީސެވެ. އަދި ނައިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް މިފަހަރުގެ ބިލުގައިވެއެވެ.

މި ބިލު މިހާރު އޮތީ ކޮމިޓީ މަރުހަލާގައެވެ.