ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލުގައި ހުރި ކަންބޮޑުވުންތައް ހިފައިގެން ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެ ކަމަށް ޔޫތު އެމްޕަވަމެންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލު އިއްޔެވަނީ ދައުރުން ބޭރުން މަޖިލިސް ޖަލްސާއެއް ބާއްވައި ބަލައިގަނެފަ އެވެ. އެ ބިލު މިހާރު އޮތީ ކޮމެޓީ މަރުހަލާގަ އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި މަޖިލީހަށް އެ ބިލު ހުށަހެޅީއްސުރެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ބިލު އަނބުރާ ގެންދިއުމަށް ގޮވާލަމުންނެވެ. އިއްޔެ މަޖިލިސް އިދާރާދޮށަށް އެއްވެ ނޫސްވެރިންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުވެސްވަނީ ކޮށްފަ އެވެ. އޭގެ ފަހުން ރައީސް އޮފީސް ދޮށާއި މުލިއާގޭ ސަރަހައްދުގައިވެސް ނޫސްވެރިންވަނީ މުޒާހަރާކޮށްފަ އެވެ.
ގިނަ އަދަދެއްގެ ނޫސްވެރިން މިއަދު މަސައްކަތްކުރަމުން އަންނަނީ ރައީސް އޮފީހުގައި ކުރިމަތީގައި ހުންނަ މީޑިއާ ފެންޑާގަ އެވެ.
ނޫސްވެރިން އެތަނުގައި ތިއްބާ ރައީސް އޮފީހުގެ މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް ފޮރ ސްޓްރެޓީޖިކް ކޮމިއުނިކޭޝަން އިބްރާހިމް ހަލީލް އަދި އަސްވާޑު ވަޑައިގެން ވަނީ ނޫސްވެރިންނާ ބައްދަލުކުރައްވައިފައެވެ.
ނޫސްވެރިންނާ ބައްދަލުކުރައްވައި އަސްވާޑު ވިދާޅުވީ ނޫސްވެރިކަމަށް ހުރަަސްއެޅޭ ކަންކަމަށް އެއްވަސްވެވަޑައި ނުގަންނަވާނެ ކަމަށެވެ. ނަމަވެސް އެ ބިލު މަޖިލީހަށް ބަލައިގަތުމުގައި މައްސަލައެއް ނެތް ކަމަށްވެސް އަސްވާޑު ވިދާޅުވިއެވެ. އެއާއެކު އަސްވާޑު ވިދާޅުވީ "ތިހުރިހާ ބޭފުޅުންނަށްވުރެ ބޮޑަށް އަޅުގަނޑު ނޫސްވެރިކަމަށް ލޯބިކުރާނެ" ކަމަށެވެ.
އަސްވާޑު ވިދާޅުވީ އޭނާ މަގާމުގެ ގެއްލިދާނެތީ ބިރުން ނޫޅޭ ކަމަށާއި އޭނާއަކީ ވަޒީރުކަމުން ކައިގެންބޮއިގެން އުޅޭ މީހެއްނޫން ކަމަށެވެ.
"އަޅުގަނޑު ދާނެމޭ މަޖިލީހަށް މި ބިލަށް ވާހަކަދައްކަން، ކަންބޮޑުވުންތަކަށް ހައްލު ހޯދަން އަޅުގަނޑު ދާނަން މަޖިލީހަށް" އަސްވާޑު ވިދާޅުވިއެވެ.
"މީގަ ހުރި ހުރިހާ އެއްޗަކަށް އަހަރެން އެެއްބަހެއް ނޫނޭ، އެއްބަހެއް ނޫނޭ"
މީޑިއާގެ މިނިވަންކަމަށް ހުރަސްއެޅޭ އެއްވެސް ކަމަކަށް ސަރުކާރުން ތާއީދު ނުކުރާނެކަމަށް އަސްވާޑު ވިދާޅުވިއެވެ.
މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.
އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.
މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:
- ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
- ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
- މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
- ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
- މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
މުހައްމަދު އިޝާން
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)
ކުރީގެ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް)