ގާނޫނީގޮތުން ހުއްދަ ނޫން ސަރަހައްދުތަކުގައި މުޒާހަރާތައް ބާއްވާ ނަމަ، ނޫސްވެރިން ވިޔަސް ހުއްޓުވާނެކަމުގެ ނުސީދާ އިންޒާރެއް ފުލުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ކޮމިޝަން ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ވަނީ އެކި ސަރަހައްދުތަކުގައި މުޒާހަރާކޮށް އަޑުއުފުލައިފައެވެ. ނޫސްވެރިން އެއްވި ސަރަހައްދުތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިދާރާ، ރައީސް އޮފީސް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ދިރިއުޅުއްވާ މުލިއާގެ ކުރިމަތި ހިމެނެއެވެ.

މަޖިލީހުން މިއަދު މީޑިއާ ކޮމިޝަންގެ ބިލު ބަލައިގަތުމާ ގުޅިގެން، މިއަދު މެންދުރު ރައީސް އޮފީސް ކުރިމައްޗަށް އެއްވުމާ ގުޅިގެން ފުލުހުން ވަނީ ހަތަރު ނޫސްވެރިޔަކު ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހު، ނަސޭހަތްދިނުމަށްފަހު އެ ނޫސްވެރިން ވަނީ ދޫކޮށްލައިފައެވެ.

ފުލުހުންގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ނޫސްވެރިން ކުރި މުޒާހަރާގެ ތެރެއިން އެއްވެސް ނޫސްވެރިޔަކު ހައްޔަރުކޮށްފައި ނުވާނެ ކަމަށާއި ގްރީން ޒޯނަކީ ގާނޫނީގޮތުން އެއްވެ އުޅުމުގެ ފުރުސަތު ނުދެވޭނެ ސަރަހައްދަކަށްވާތީ، އެ ސަރަހައްދު ދޫކޮށް ދިއުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އަދި އެ ނަސޭހަތްތައް ދެވިފައިވާނީ ހެދިފައިވާ އުސޫލުތަކާ އެއްގޮތަށް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުންނަކީ ނޫސްވެރިކަމުގެ މިނިވަންކަން ހިމެނޭގޮތަށް، ގާނޫނުއަސާސީން ލިބިފައިވާ ހުރިހާ ހައްގުތަކަށް އިހުތިރާމުކުރާނެ އިދާރާއެއް ކަމަށާއި ގާނޫނީގޮތުން އެއްވުންތައް ބޭއްވުމުގެ ހުއްދަ އޮންނަ ސަރަހައްދުތަކުގައި އެއްވުންތައް ބޭއްވޭނެ ކަމަށެވެ. އަދި އެފަދަ އެއްވުންތައް ކުރިއަށްގެންދަނީ ގާނޫނާ އެއްގޮތަށްކަން ފުލުހުން ކަށަވަރުކުރަން ޖެހޭ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރިންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފައެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެއެވެ.

ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތަކުގެ ތެރޭގައި، ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން، ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000 ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވުން، މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން، ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން، މައްސަލައެއް ބަލަމުންދަނިކޮށް ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން އަދި ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން ހިމެނެއެވެ.

ބިލުގައިވާ ގޮތުން ކޮންޓެންޓާ ގުޅޭ މައްސަލައެއް ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލާނީ މީޑިއާ ކޮމިޝަންގެ މެންބަރުންނާއި މީޑިއާ ތަމްސީލު ކުރާ ހަތަރު މީހުން އެކުލެވޭ ދާއިމީ ކޮމިޓީއަކުންނެވެ. ކޮމިޓީގެ ނަމަކީ "މީޑިއާ ކޮންޓެންޓް އެޖޫޑިކޭޝަން ކޮމިޓީ" އެވެ.