ބަނގުރާ ފުޅިތަކެއް ގެންގުޅުނު މައްސަލައަކާ ގުޅިގެން ހުޅުމާލެ ފޭސް އެކަކުން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މި މައްސަލާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ގާދިއްފުށި / ނީލާއާކާސް، އަލީމަނިކު (57އ) ކަމަށެވެ.

އޭނާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް އެކެއްގައި ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައެވެ.

މި އޮޕަރޭޝަނުގައި، ހުޅުމާލެ ފޭސް އެކެއް ބޯގަންވިލާ މަގުން އޭނާ ދުއްވި ޕިކަޕު ހުއްޓުވައި ބަލައިފާސްކުރި އިރު، 14 ފުޅި ބަނގުރާ ފެނިފައިވެއެވެ. އަދި އޭނާ ލައިގެންހުރި އަންނައުނު ބަލައިފާސްކުރި އިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.