މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ ބޯޓުތައް ހިންގުމަށް މަޝްވަރާކޮށްފި އެވެ.
އެގްރިކަލްޗާ މިނިސްޓްރީން މިއަދު ބުނީ އެ ބައްދަލުވުމުގައި އެމްޓީސީސީން ދަނޑުވެރިންގެ އުފެއްދުންތައް އުފުލުމަށް ޓަކައި އެގްރޯނެޓް ބޯޓުތައް އެ ކުންފުނީގެ އުޅަނދުތަކުގެ ތެރޭގައި ހިމަނައިގެން ހިންގުމަށް ޝައުޤުވެރިކަން ފާޅުކުރި ކަމަށެވެ.
"އެމްޓީސީސީން ފާހަގަ ކުރީ މިކަމަށް ރައީސް އޮފީހުގެ އިސްފަރާތްތަކުގެ ނިންމުމެއް ބޭނުންވާ ކަމަށް. ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ އިރުޝާދާއެކު، މި ނިންމުން ނިމުމުން މިކަން ކުރިއަށް ގެންދިއުމަށް އެކުންފުނިން ތައްޔާރަށް، ތިބިކަމަށް." އެގްރިކަލްޗާ މިނިސްޓްރީން ބުންޏެވެ.
އޭގެ އިތުރުން އެމްޓީސީސީން މިހާރުވެސް ފެރީ ހިދުމަތްތަކުގެ ތެރެއިން ތާވަލުތަކެއް ހަދާފައިވާކަމަށާއި އެ ތަފްސީލުތައް އެގްރިކަލްޗާ މިނިސްޓްރީން ހިއްސާކުރާނެ ކަމަށެވެ. އަދި އެ މިނިސްޓްރީން އެ ތާވަލުތައް މުރާޖައާކޮށް، ލޮޖިސްޓިކްސްގެ ޕްލޭނެއް އެކުލަވާލުމަށްފަހު އެ މައުލޫމާތު ދަނޑުވެރިންނަށް އަންގައިދިނުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށް މިނިސްޓްރީން ބުނެއެވެ.
އެގްރޯނެޓްގެ އެގްރޯ ބޯޓުތަކުގެ ޑިޒައިންތައް ތައްޔާރުކޮށްފައިވަނީ ދަނޑުވެރިކަމުގެ ބާވަތްތައް ރަށްރަށުގެ މެދުގައި އަވަހަށް އަދި ފަސޭހަކަމާއެކު ގެންދިއުމަށް މަގުފަހިވެގެންދާނެ ގޮތަކަށެވެ.
އެގްރިކަލްޗާ މިނިސްޓްރީން އަންނަނީ ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ވިއްކޭނެ އިންތިޒާމްތައް ފަހިކޮށްދިނުމަށް އެކި، ފަރާތްކުގެ އެހީތެރިކަން ހޯދުމަށް މަސައްކަތްކުރަމުން ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އެގްރޯނެޓުގެ ބޯޓުތަކަކީ 65 ފޫޓުގެ ދެ ފައިބާގްލާސް އުޅަނދެވެ. ޒަމާނީ އަދި ސްޓްރީމްލައިން ޑިޒައިނެއް ހިމެނޭ އެ ބޯޓުތަކުގެ ތެރޭގައި ދަނޑުވެރިކަމުގެ މުދަލުގެ ތާޒާކަން ދެމެހެއްޓުމަށް ފަރުމާކޮށްފައިވާ ކާގޯ ކޮމްޕާޓްމަންޓްތައް ހިމެނެއެވެ.
އެގްރޯނެޓުން ބުނި ގޮތުގައި ކާގޯ ކޮމްޕާޓްމަންޓްތަކުގެ ބޮޑުމިނަކީ 16 ފޫޓެވެ. އެއާކޮންޑިޝަން އާއި ޓެމްޕަރޭޗާ ރެގިއުލޭޝަން ވެސް ހިމެނޭ ކަމަށާއި އެ ބޯޓުތަކުގައި ފަޅުވެރީންނަށް ވަކިވަކި ކެބިންތައް ވެސް ހުންނަ ކަމަށް ބުންޏެވެ.
ޑެކްގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ އެ ބޯޓުތަކުގައި ދަނޑުވެރިކަމުގެ އުފެއްދުންތައް ފިނިކޮށް ބެހެއްޓުމަށް ސޯލާ ހަކަތަ ބޭނުންކުރާއިރު، ކަރަންޓު ބޭނުންކުރާ މިންވަރު މަދުކޮށްދެއެވެ. މިއީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ހަރަކާތަކަށް ވާއިރު، އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ ފަންނީ އެހީތެރިކަން ވެސް ލިބެ އެވެ.
ފާތިމަތު ލިއުޝާ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ