ރައީސް ޑރ. މުހައްމަދު މުއިއްޒު، ހދ. އަތޮޅުގެ 13 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންނެވީ މިމަހުގެ 24 ވަނަ ދުވަހުގައެވެ. ރައީސް ވަނީ ހދ. އަތޮޅުގެ ހަނިމާދޫ، ނައިވާދޫ، ފިނޭ، ހިރިމަރަދޫ، ނެއްލައިދޫ، ނޮޅިވަރަންފަރު، ކުރިނބީ، ނޮޅިވަރަން، ކުމުންދޫ، ވައިކަރަދޫ، ނޭކުރެންދޫ، މަކުނުދޫ އަދި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށްރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައިފައެވެ. އަދި ވަނީ ކޮންމެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ގޮތުން ޖަލްސާއެއް ބާއްވަވައި، ރައްޔިތުންނާ މުހާތަބު ކުރައްވައިފައެވެ.
ރައީސްގެ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވައިލައްވައިފައިވަނީ ސަރުކާރުން ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭގޮތުންނެވެ.
އެ ދަތުރުފުޅުގެ ތެރެއިން ރަށްރަށުގެ ތަރައްގީއާ ގުޅުންހުރި އެކި މަޝްރޫއުތަކުގައިވަނީ ސޮއިކޮށްފައެވެ.
އޭގެ ތެރޭގައި ހައުސިން މަޝްރޫއާއި، ބަނދަރު ހެދުމާއި، މަގުތައް ތަރައްގީ ކުރުމާއި، ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަކާއި ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން ހިމެނެއެވެ. އަދި ބައެއް ރަށްރަށުގައި މިސްކިތް ހެދުމުގެ މަސައްކަތް މި ދަތުރުފުޅުގެ ތެރެއިން ފަށައިފައިވާއިރު ޕޮލިސް ޕޯސްޓުތަކުގެ އަމަލީ މަސައްކަތްވެސް ވަނީ ފަށައިފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެ މަނިކުފާނު ވަނީ ހދ. އަތޮޅުގެ ނުވަ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް ފައްޓަވައިދެއްވައިފައެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު