މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ބަދަލުކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" މަޖިލީހަށް ބަލައިގެންފި އެވެ.

އަމިއްލަ ހައިސިއްޔަތުން އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. ބިލުގެ ފަހުބަސް ހަންނާން މިއަދު ކުރިއަށް ގެންދިޔައިރު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ދިޔައީ ބިލު ބޭރުކޮށްލުމަށް މެދުކެނޑުމެއްނެތި ގޮވާލަމުންނެވެ.

ބިލު ބަލައިގަަންނަން ފެންނަ ކަމަށް ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 49 މެންބަރުން ވޯޓު ދެއްވި އެވެ. އަދި އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަނަވާ 11 މެންބަރުންނާއި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސްވަނީ ބިލު ބަލައިގަންނަން ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓު ދެއްވައިފަ އެވެ.

އެ ބިލު ދިރާސާކުރުމުގެ މަސައްކަތް ކުރާނީ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީންނެވެ.

އެ ބިލު އަނބުރާ ގެންދިއުމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑީއާ ކައުންސިލް އަދި ބޭރުގެ ޖަމިއްޔާތަކުންވެސް ބަޔާން ނެރެފައިވެއެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިންވެސް އަންނަނީ ކެމްޕޭންތައް ކުރިއަށް ގެންދަމުންނެވެ. މަޖިލިސް އިދާރާ ދޮށުގައި ނޫސްވެރިން މިއަދުވެސް ޝުއޫރުތައް ފާޅުކޮށް އިހުތިޖާޖުކޮށްފައިވެއެވެ.

އެ ބިލު އަނބުރާ ގެންދިއުމަށް އިދިކޮޅު އެމްޑީޕީގެ މަޖިލިސް ގޮވާލެއްވިއިރު ޕީއެންސީގެ ބައެއް މެންބަރުންވަނީ އެ ބިލުގައި ކަންބޮޑުވާން ޖެހޭ ކަންތައްތަކެއް ހިމެނޭކަން ފާހަގަކުރައްވައިފައެވެ.

މީޑިއާ ބިލުގައި މީޑިއާތަކާއި ވަކިވަކި ނޫސްވެރީންނަށް ބޮޑެތި ފިޔަވަޅުތަކެއް އެޅޭ ގޮތަށް ވަނީ ހަދައިފަ އެވެ.

އެގޮތުން މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލުކުރެވޭ ގޮތަށް ވަނީ ހިމަނައިފައެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ވާހަކަ ދައްކަވަނީ. -- (ފޮޓޯ/ މަޖިލިސް)

މި ބިލުން މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން