ހދ. ކުމުންދޫ ފެނާއި ނަރުދަމާގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީކޮށް މިއަދު ފައްޓަވައިދެއްވައިފިއެވެ.
ރައީސް އެ ހިދުމަތް ފައްޓަވައިދެއްވީ ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ރައީސް، ކުމުންދޫގެ ފެނާއި ނަރުދަމާގެ ހިދުމަތް ފައްޓަވައިދެއްވިއިރު އެ މަނިކުފާނުގެ އަރިހުގައި މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު އަދި ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދު ތިއްބެވިއެވެ.
ކުމުންދޫގެ ފެނާއި ނަރުދަމާގެ މަޝްރޫއަކީ ޖުމުލަ 102 މިލިއަން ދިވެހި ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޑަބްލިޔުއެސްސީއާ ހަވާލުކުރީ 15 ނޮވެމްބަރު 2020 ގަ އެވެ.
އެ މަޝްރޫއުގެ ދަށުން އެމްޑަބްލިޔުއެސްސީން ވަނީ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި 14 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރްއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށް ޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި ތިން ތާންގި ބަހައްޓައިފައެވެ. މީގެ އިތުރުން، ގޭގޭގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ބޯފެން ފޯރުކޮށްދީފައެވެ.
އެ މަޝްރޫއުގައި ހިމެނޭ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ ދަށުން ކުމުންދޫގައި ދިހަ ކިލޯ މީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި 2.4 ކިލޯ މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ފަސް ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލްއެއް އެމްޑަބްލިޔުއެސްސީން ވަނީ ގާއިމުކޮށްފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާގެ ކަނެކްޝަން ގުޅައިދީ ގެތަކަށް ނަރުދަމާގެ ހިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން އެ މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގައި ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނުވެސް ވަނީ ފޯރުކޮށްދީފައެވެ.
މުހައްމަދު އިޝާން
ހދ. ކުމުންދޫ
ހދ. ކުމުންދޫ
ހދ. ކުމުންދޫ
ހދ. ކުމުންދޫ