ހދ. ކުމުންދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފި އެވެ.

ކުމުންދޫ، ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅައިފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފާއި، ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އިތުރުން އެ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަފީގެވެ.

ކުމުންދޫގައި ހަދާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކީ ރާއްޖޭގެ 63 ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހަދަން ސްޕޯޓްސް, ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީން އެމްއޭސީއެލްއާ ދެމެދު މިމަހުގެ 18 ވަނަ ދުވަހު ސޮއިކުރި އެއްބަސްވުމުގައި ހިމެނޭ ސެންޓަރެކެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ވައުދުފުޅުގެ ދަށުން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ އިރު، ބައެއް ރަށްރަށުގައި މިހާރު ވަނީ އަމަލީ މަސައްކަތް ފަށައިފައެވެ.