މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހަތަރު މެންބަރުން އައްޔަންކުރަން ހަތަރު ފަރާތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފި އެވެ.

އެ ބޯޑުގައި މިހާރު ތިބި ފަރާތްތަކުގެ ތެރެއިން ހަތަރު މެންބަރުންގެ ދައުރު މި މަހުގެ 31 އަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން 14 ނަމެއް ރައީސް މުހައްމަދު މުއިއްޒަށް ފެނިވަޑައިގަންނަވާ ތަރުތީބުން ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ.

އެމަގާމަށް މީހުން އައްޔަންކުރަން އެ ބޭފުޅުންނާ އިންޓަވިއުކުރުމުގެ މަސައްކަތްކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ އިގުތިސޯދީ ކޮމެޓީންނެވެ. އެ ފަރާތްތަކާ އިންޓަވިއު ކޮށް %75 އަށްވުރެ މަތީން މާކްސް ލިބުނު 8 ނަމެއް މަޖިލިސް ތަޅުމަށް ވަނީ ފޮނުވައިފަ އެވެ.

އޭގެ ތެރެއިން މަޖިލީހުން މިއަދު ރުހުން ދިން 4 ނަމަކީ:

  • މުހައްމަދު އިމްތިނާން ސައުދުﷲ؛ ރުހުން ދޭން ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 60 މެންބަރުން ވޯޓު ދެއްވި، ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
  • ހުޝާމް ވަހީދު؛ ރުހުން ދޭން ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުން ވޯޓު ދެއްވި، ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
  • އިސްމާއިލް ހަމްދޫން؛ ރުހުން ދޭން ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުން ވޯޓު ދެއްވި، ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ
  • އަހްމަދު އަލީ؛ ރުހުން ދޭން ފެންނަ ކަމަށް ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 58 މެންބަރުން ވޯޓު ދެއްވި، ފެނިވަޑައިނުގަންނަވާ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވާ

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގައިވާ ގޮތުން މީރާގެ ބޯޑުގައި ހިމެނޭނީ ޓެކްސް ކޮމިޝަނަރާއި ޑެޕިއުޓީ ޓެކްސް ކޮމިޝަނަރު ހިމެނޭހެން ހަތް މެންބަރުންނެވެ.

މީރާގެ ޑިރެކްޓަރުންގެ ބޯޑުގެ ކޮންމެ މެންބަރެއްގެ ވެސް ދައުރަކީ ފަސް އަހަރުގެ މުއްދަތެކެވެ. މިހާރު އެ ބޯޑުގައި ތިބި މެންބަރުންނަކީ:

  • ޗެއާޕާސަން އަހްމަދު ސާއިދު މުސްތަފާ
  • ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިން
  • ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު
  • ބޯޑު މެންބަރު އައިޝަތު އާޝާ އަލީ
  • ބޯޑު މެންބަރު މުމްތާޒު އަބްދުލްރަޝީދު
  • ބޯޑު މެންބަރު ދަހާ ޝުއައިބް
  • ބޯޑު މެންބަރު ހުޝާމް ވަހީދު