ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު ހުށަހަޅުއްވާފައިވާ މީޑިއާ ރެގިއުލޭޝަން ބިލު އޮތީ މިނިވަން މީޑިއާއާ ދެކޮޅަށް ކަމަށް ހިތަދޫ މެދު ދާއިރާގެ ޕީއެންސީ މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
ދައުރުން ބޭއްވި މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޒާން ވިދާޅުވީ ދައުލަތުގެ ތިން ބާރު ވެސް ހިނގަނީ ގާނޫނުއަސާސީން ހުދޫދެއް ކަނޑައަޅައިގެން، މިންތަކެއްގެ ތެރެއިން ކަމަށާއި ހަތަރުވަނަ ބާރު ކަމުގައި ދެކޭ މީޑިއާވެސް ހިންގަން ޖެހޭނީ މިންތަކެއް ކަނޑައަޅައިގެން ހުދޫދެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް މިހާރު ހުށަހަޅާފައިވާ ބިލުގައި ކަންބޮޑުވާން ޖެހޭ އެތައްކަމެއް އެބަހުރި ކަމަށެވެ.
އެގޮތުން ކޮމިޝަނުން މައްސަލައެއް ބަލަން ފެށުމާއެކު އެ ނޫހެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް ލިބޭގޮތަށް އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެގޮތަށް އޮތުމުން ނާޖާއިޒު ފައިދާ ނެގުމުގެ ފުރުސަތު ކޮމިޝަނަށް ލިބޭނެ ކަމަށް އަޒާން ވިދާޅުވިއެވެ.
"މީގަ އެބަ ބުނޭ ލައިސަންސް ބާތިލުކުރުމުގެ ބާރު އޮންނަނީ ކޯޓަށް ކަމަށް. އެކަމަކު މުއްދަތެއް ނެތް ގޮތަށް ނޫހެއް ހުއްޓުވާލުމުގެ ބާރު ކޮމިޝަނަށް ލިބޭނަމަ މާބޮޑު ބޭނުމެއް ނެތް ކޯޓަށް ހުށަހެޅުމުގެ،" އަޒާން ވިދާޅުވި އެވެ.
ދެވަނަ ކަމަކަށް އަޒާން ފާހަގަކުރެއްވީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަން ބެލުމުގެ ބާރު ކޮމިޝަނަށް އޮތުމެވެ. އޭނާ ވިދާޅުވީ މިހެން އޮތުމުން ސަރުކާރުން ބޭނުން ވަގުތަކު ވަކި ކަންކަމެއް މަނާކުރުމުގެ ބާރު ލިބޭނެ ކަމަށެވެ.
"އަޅުގަނޑަކަށްވެސް ނުފެނޭ މި ބިލު މި އޮތްގޮތަށް ފާސްކުރާކަށް. އެހެންނަމަވެސް މީޑިއާގެ ބޭފުޅުންވެސް ގަބޫލުކުރޭ މީޑިއާތައް ރެގިއުލޭޓް ވާން ޖެހޭކަމަށް. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މި ބިލަށް މަޝްވަރާ އެބަކުރައްވާ، މި ބިލާ މެދު ގޮތެއް ނިންމެވުމުގެ ކުރިން އަޅުގަނޑަށް ފެންނަނީ ވީހާ ވެސް ފުޅާ ދާއިރާއެއްގައި މީޑިއާގެ ބޭފުޅުންނާއި ކަމާ ބެހޭ ތަޖުރިބާކާރުންނާއި އަދި އަޅުގަނޑުމެން އަމިއްލައަށްވެސް ތަންކޮޅެއް ދުރު މުސްތަގުބަލަކަށް ވިސްނައިގެން މަޝްވަރާކުރުމަށް ފަހު ގޮތެއް ނިންމަން." އަޒާން ވިދާޅުވި އެވެ.
އަޒާން ވިދާޅުވީ މިފަދަ ގާނޫނުތައް ހަދާއިރު އަބަދު ވެރިކަމުގައި ތިބެވޭނެކަމަށް ހީކޮށްގެންނުވާނެ ކަމަށެވެ.
"އެހެންވީމާ މިކަހަލަ ގާނޫނުތައް އަޅުގަނޑުމެން ހަދާއިރު އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ އަބަދަކު ވެރިކަމުގައި ތިބޭނީ އަޅުގަނޑުމެންގެ ޕާޓީ ނޫންކަން. އޭރު ވެރިކަން އެ ކުރި ކަހަލަ ވެރިކަމެއް ދެން އަތުވެއްޖެއްޔާ އަނެއްކާވެސް މިފަދަ ގާނޫނުތައް ދެން ބޭނުންކުރާނީ އަޅުގަނޑުމެންނާ ދެކޮޅަށް، ނޫސްވެރިންނާ ދެކޮޅަށް އަދި މިނިވަން ހިޔާލާއި މިނިވަން ފިކުރާ ދެކޮޅަށް،" އަޒާން ވިދާޅުވި އެވެ.
މިޖަލްސާގައި ވާހަކަ ދައްކަވަމުން ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ހުސެއިން ވިދާޅުވީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި ރައްޔިތުން މަޖިލިސް ވާން ޖެހޭނީ މީޑިއާތަކަށް އިތުރު ބާރުވެރިކަން ދޭ ބަޔަކަށް ކަމަށެވެ.
އިބްރާހީމް ހުސެން ވިދާޅުވީ އިތުރު ކޮމިޝަނެއް އުފެއްދުމުގެ ބަދަލުގައި މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކޮމްއަށް އިތުރު ބާރުދީ އެކަން ކުރަން ދޫކޮށްލަން ފެނިވަޑައިގަންނަވާ ކަމަށެވެ. އަދި ގާނޫނަކުން މުއައްސަސާއެއް އުފަންކުރުމަކީ މީޑިއާތައް ރަނގަޅަށް ރެގިއުލޭޓް ކުރެވޭނެ ސަބަބެއް ނޫންކަމަށެވެ.
"މިހާރު ހުށަހަޅާފައިވާ ބިލުން އަޅުގަނޑަށް ފެންނަނީ އަންރެގިއުލޭޓް ނުކުރެވޭ އެތައް ބައިވަރު މީޑިއާތަކެއް އުފެދިގެންދާ މަންޒަރު. މިހާރު ވެސް އެބަ ފެނޭ އެކިއެކި ސޯޝަލް މީޑިއާތަކުގައި އެކި އެކި ނަންނަމުގައި އެކިއެކި ޕޭޖްތައް ހެދިގެން ދޮގާއި މަކަރާ ހީލަތުން ކަންކަންކުރާ އެ ހަބަރުތައް ފަތުރަމުން ދާތަން. ކޮބައިތޯ އެޅޭ ފިޔަވަޅަކީ؟ ރަޖިސްޓްރީކޮށްގެން ރަނގަޅަށް ހިންގާ ނޫސްތައް ބާރުވެރިކުރުވުމަށް ޓަކައި މި ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަންވީ،" އޭނާ ވިދާޅުވި އެވެ.
އެ ބިލާ ދެކޮޅަށް މަޖިލިސް ބޭރުގައި ނޫސްވެރިން މިއަދުވަނީ ޝުއޫރުފާޅުކޮށް އިހުތިޖާޖުކޮށްފަ އެވެ. އެ ބިލު ބަލައިނުގަތުމަށް ގޮވާލައި ނޫސްވެރިން ގެންދަނީ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ޕެޓިޝަނެއް ވެސް ތައްޔާރުކުރަމުންނެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު