މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމުގެ ދަރަޖަ އެތައް ގުނައަކަށް ފަހަތަށް ހިނގައިދާނެ ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެ އެވެ.
ދައުުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންގޮސްފަ އެވެ.
އެ ބިލަށް ވާހަކަ ދައްކަވަމުން ނާޒިލްވަނީ ސަރުކާރަށް މި ހިސާބަށް އާދެވުނީ މީޑިއާގެ މިނިވަންކަމުގެ ސަބަބުން ކަމަށާއި މީޑިއާގެ މިނިވަންކަމުގެ ދަރަޖައިން ރާއްޖެ ފަހަތަށްދާ ގޮތަށް ތައްޔާރުކޮށްފައިވާ އެ ބިލަށް ސަރުކާރުން ތާއީދުކޮށް ގޯސް ހަދަންވީ ކީއްވެތޯވަނީ ސުވާލު އުފައްދަވައިފަ އެވެ.
"އޭގެ ކުރިން ޕީއެންސީގެ މެންބަރަކު ވިދާޅުވެއްޖެ ދެ ދަރަޖަ ކުރިއަށް ޖެހުނު ވާހަކަ. އަޅުގަނޑު ދަންނަވާލާނީ މި ބިލުގެ ސަބަބުން 30 ގުނަ ފަހަތަށް ދާނެއޭ. ކީއްވެތޯ އެވަރު ޒިންމާއެއް ތި ބޭފުޅުން ތި ނަންގަވަނީ. އެވަރު ގޯހެއް ތި ހައްދަވަނީ،" ނާޒިލް ވިދާޅުވި އެވެ.
ނާޒިލް ވިދާޅުވީ ބިލުގައިވާ ގޮތުން އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، އުފައްދާ މީޑިއާ ކޮމިޝަނުގައި 7 މެންބަރުން ތިބޭއިރު އެއިން ތިން މެންބަރުންނާއި ކޮމިޝަންގެ ރައީސް އައްޔަނުކުރަނީ ރައީސް ކަމަށެވެ. އެކަމުގެ ސަބަބުން އެ ކޮމިޝަނުގެ ކޮންޓްރޯލް ރައީސަށް ނެގޭނެ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށެވެ.
"އޭރުން ކިހިނެއްތޯ ވާނީ. މި ހަތް މެންބަރުންނަކީ ވެސް ރައީސުލްޖުމްހޫރިއްޔާގެ ކުޑަ އޮފީހެއްގައި ކުޑަ ގޮޅިއެއްގައި ތިބޭ ހަތް މެންބަރުންނަށް ވެފައި އޮންނާނީ،" ނާޒިލް ވިދާޅުވި އެވެ.
ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެން ޒިޔާދު (ފިއްޓޭ)ވެސް ވަނީ އެ ބިލާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ. ޒިޔާދު ވިދާޅުވީ މި ބިލަކީ މީޑިއާތައް ނެތިކޮށްލާ ގޮތަށް ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ.
ޒިޔާދު ވިދާޅުވީ ހުދުމުހުތާރު ވެރިކަމެއްގައި އެންމެ ފުރަތަމަ މަޖިލިސް އަދި ޝަރުއީ ދާއިރާގެ ބާރުތައް ނިގުޅައިގަތުމަށްފަހު، ދެން އަމާޒު ވާނީ މީޑިއާގެ މިނިވަންކަމަށް ކަމަށެވެ. މިހާރު ހުށަހަޅާފައިވާ ބިލުގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ބޭނުންވާ ހުރިހާ ކަމެއް ހިމާނާފައިވާތީ، އިސްލާހެއް ހުށަހަޅައިގެން މި ބިލު ރަނގަޅު ކުރެވޭނެ ކަމަކަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވިއެވެ.
"މި ބިލަށް އިސްލާހެއް ހުށަހަޅައިގެން އިސްލާހުވާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އިސްލާހެއް ހުށަހެޅޭނީ ބިލަކަށް. މިއީ ބިލެއް ކަމަށް ގަބޫލު ނުކުރާތީ އިސްލާހު ކުރެވޭނެ ކަމަކަށްވެސް ގަބޫލެއް ނުކުރަން،" ޒިޔާދު ވިދާޅުވި އެވެ.
އާއިޝަތު މާހާ
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު