ހދ. ކުމުންދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ކުމުންދޫ ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފައި މިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުމުންދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ރައީސް މުއިއްޒުވެސް ބައިވެރިވެވަޑައިގެންނެވި އެ ރަސްމިއްޔާތުގައި ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން، ޕޮލިސް ސްޓޭޝަންގެ މަސައްކަތް ހަވާލުކޮށްފައިވާ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެެމްޓީސީސީ)ގެ ސީއީއޯ އަހުމަދު ސައުދީ، ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އަދި ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މުހައްމަދުގެ އިތުރުން އެ ދާއިރާގެ މެންބަރު އާދަމް ޝަފީގެވެ.
އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2.20 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 1،600 އަކަފޫޓުގެ ސަރަހައްދެއްގައި ޕޮލިސް ޕޯސްޓް ގާއިމުކުރާއިރު، ޕޮލިސް ޕޯސްޓެއްގައި ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތެއް އެމްޓީސީސީން ގާއިމުކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ފުޅާކުރެއްވުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފައްޓަވާފައިވާ މަޝްރޫއެކެވެ.
މިއަހަރު ތެރޭގައި ވެސް ގިނަ ރަށްރަށުގައި ވަނީ ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ.
އަދި ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ގާއިމުކުރުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މުހައްމަދު އިޝާން
ހދ. ކުމުންދޫ
ހދ. ކުމުންދޫ
ހދ. ކުމުންދޫ
ހދ. ކުމުންދޫ