ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް "މީޑިއާ ރެގިއުލޭޝަން ބިލް" އާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖު ކުރަން ފަށައިފި އެވެ.

މިއަދު މަޖިލީހުގެ ދައުރުން ބޭރުގައި ކުރިއަށްދާ ޖަލްސާގައި އެ ބިލަށް ދަނީ ބަހުސްކުރަމުންނެވެ.

މިއަދު މަޖިލީހުގެ ޖަލްސާ ފެށި ވަގުތު ނޫސްވެރިން ވަނީ މަޖިލިސް ދޮށަށް ޖަމާ ވެ، ނޫސްވެރިންގެ ޝުއޫރުތައް ފާޅުކޮށްފައިވާ ބޯޑުތައް ހިފައިގެން އިހުތިޖާޖެއް ފަށައިފަ އެވެ. ނޫސްވެރިން އަންނަނީ އެ ބިލު ބަލައި ނުގަނެ ބޭރުކޮށްލަން ގޮވާލައި ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރަން ފުރުސަތު ނުދޭނޭ ކަމަށް ގޮވާލަމުންނެވެ. އަދި ބައެއް ނޫސްވެރިން ވަނީ މަޖިލީހުގެ ގެލެރީގައި އިހުތިޖާޖު ފަށައިފަ އެވެ.

ނޫސްވެރިން މިހާރު އަންނަނީ މަޖިލީހުގެ ގެލެރީގައި އިހުތިޖާޖު ކުރަމުންނެވެ.

އެ ބިލު ބަލައިނުގަތުމަށް ގޮވާލައި ނޫސްވެރިން ގެންދަނީ ބޮޑު ހަރަކާތެއް ކުރިއަށް ގެންދަމުންނެވެ. އެ ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ ޕެޓިޝަނެއް ވެސް ތައްޔާރުކުރަމުންނެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލުގައި އޮންނަ ގޮތުން، ހަތް މެންބަރުންގެ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން ވޯޓުލައިގެން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބޭ އިރު، ނައިބު ރައީސް އިންތިހާބުކުރަނީ ކޮމިޝަން މެންބަރުންގެ ތެރެއިން ވޯޓުލައިގެންނެވެ.

ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އެ ބިލުގައިވާ ގޮތުން މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ ބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ މީޑިއާ ކޮމިޝަންގެ ބިލުގައި، ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާތީ، އެކަން އިސްލާހުކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށާއި މީޑިއާ ކޮންޓްރޯލުކުރުމަށް އެއްވެސް އިރަކު ބޭނުންފުޅުނުވާ ކަމަށެވެ.