ހދ. ކުރިނބީ ސިއްހީ މަރުކަޒުގެ އާ އިމާރަތް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ މިއަދު ހަވާލުކޮށްފިއެވެ.
ކުރިނބީ އާ ސިއްހީ މަރުކަޒުގެ މަަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރު ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ކުރިނބީއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
އެ ޖަލްސާގައި އެކަމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަހުމަދު ސައުދީއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަބްދުﷲ ނާޒިމެެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 12.53 މިލިއަން ރުފިޔާއަށް 300 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން 4،000 އަކަފޫޓުގެ ސަރަހަދެއްގައި ބިންގަނޑު ކޮނުމާއި، މޭޝަނަރީމ ކޮންކްރީޓް މަސައްކަތް ކުރުން އަދި ޓައިލްސް ޖެހުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި ދޮރާއި، ކުޑަދޮރު ހަރުކުރުމާއި، ދަވާދު ލުމާއި، ދަނގަޑު މަސައްކަތްތަކުގެ އިތުރުން ހައިޑްރޯލިކްސް އަދި ޑްރެއިނޭޖުގެ މަސައްކަތް ހިމެނޭހެން ކަރަންޓު ވަޔަރުގެ މަަސައްކަތް އެމްޓީސީސީން ކުރާނެއެވެ. އަދި މެޑިކަލް ގޭސް ސިސްޓަމް ހަރުކުރުމާއި، އެއާ ކޮންޑިޝަނިސް ސިސްޓަމަކާއެކު އަލިފާން ނިއްވާ ސިސްޓަމެއް ހަރުކުރުމުގެ މަސަައްކަތް އެމްޓީސީސީން ކުރާނެއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އާ ސިއްހީ މަރުކަޒުގައި ލެބޯޓަރީ، ޕްރޮސީޖާ ރޫމް، ވާޑް، ގަރާޖު އަދި ލެބޯޓަރީއަކާއި ޕްރައިވެޓް ރޫމްތައް ހުންނާނެ ކަމަށެވެ.
އެ މަޝްރޫއު އެއް އަހަރު ތެރޭގައި ނިމެނޭ ކަމަށާއި އެ މަސައްކަތް ކުރިއަށްދާއިރު މިހާރު ބޭނުން ކުރަމުން އަންނަ ސިއްހީ މަރުކަޒު، 16 ގަޑިއިރަށް ހިދުމަތް ދޭ ތަނަކަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސަައްކަތް މިއަހަރު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު މުވައްޒަފުން ނުހޯދިއްޖެނަމަ މިއަންނަ އަހަރު އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
އާ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން އެތަނުން 24 ގަޑިއިރު ސިއްހީ ހިދުމަތް ލިބެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ހދ. ކުރިނބީ