އެ މަނިކުފާނު ރަށްރަށުގެ ތަރައްގީއަށް ވައުދުތައްވަނީ އެ ވައުދުތައް ފުއްދޭނެކަމުގެ ޔަގީންކަން އޮތުމުންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ކުރިނބީއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގެ ކުރީންވެސް އަދި ފަހުންވެސް ވައުދުތަކެއް ވެފައި ކަމަށެވެ.
"އަޅުގަނޑުވާނީ ރިޔާސީ އިންތިހާބުގަ އަދި ފަހަށްވެސް ވާނީ މިރަށުގެ ތަރައްގީއަށްޓަކާ ބައެއް ކަންތައްތަކުގެ ވައުދުތަކެއް ވެފަ. އަޅުގަނޑު ވައުދުތައްވީ ހަމަ ހަގީގަތުގަވެސް އެ މަސައްކަތްތައް ފުރިހަމަކޮށްދިނުމުގެ އަޒުމުގަ އަދި ނިޔަތުގަ. އަދި އެގޮތަށް މަސައްކަތް ކުރެވޭނެކަން ޔަގީންވާތީ. އިރާދަކުރެއްވިއްޔާ މިރަށުގެ މި ފެށިގެންދާ މަޝްރޫއުތަކާއި އަދި އަޅުގަނޑު ވައުދުވެފަހުރި ހުރިހާ ކަމެއް ފުއްދައިދިނުމުގައި އަޅުގަނޑުމެން ވަރަށް އިސްކަމެއްދީގެން ކުރިއަށްދާނަން" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ކުރިނބީ ބަނދަރުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދާނެކަމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ ވައުދުފުޅާ އެއްގޮތަށް މިހާރު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ ރައްޔިތުން ބޭނުންވާ ގޮތަށް އިތުރަށް ޖާގަ ބަނދަރަށް އިތުރުކޮށްގެން ކަމަށެވެ. ރައީސް ވިދާޅުވީ ބަނދަރުގެ މަޝްރޫއާއެކު ކުރިއަށް ގެންދެވިދާނެ އެހެން މަޝްރޫއުތަކެއްވެސް އެބަހުރި ކަމަށެވެ.
އެގޮތުން ބަނދަރުގެ ބޭރުތޮށި މިހާރަށްވުރެ ބޮޑަށް ބޭނުންތެރި ގޮތަަކަށް ތަރައްގީ ކުރުމާއި، ފަތާ ފެންގަނޑެއް ހެދުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އަދި އޮޑިއެހެލާނެ ސަރަހަދެއް ބަނދަރުގެ މަޝްރޫއުއާއެކު ކުރިއަށް ގެންދެވިދާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އޭގެ ތެރެއިން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފަށާނީ މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކަމަށްވިޔަސް ބަނދަރުގެ މަސައްކަތް ނިމެންވާއިރަށް އެ މަޝްރޫއުވެސް ނިމިގެންދާނެ ކަމަށެވެ.
ސިއްހީ މަރުކަޒުގެ ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އާ ސިއްހީ މަރުކަޒުގައި ލެބޯޓަރީ، ޕްރޮސީޖާ ރޫމް، ވާޑް، ގަރާޖު އަދި ލެބޯޓަރީއަކާއި ޕްރައިވެޓް ރޫމްތައް ހުންނާނެ ކަމަށެވެ. އެ މަޝްރޫއު އެއް އަހަރު ތެރޭގައި ނިމެނޭ ކަމަށާއި އެ މަސައްކަތް ކުރިއަށްދާއިރު މިހާރު ބޭނުން ކުރަމުން އަންނަ ސިއްހީ މަރުކަޒު، 16 ގަޑިއިރަށް ހިދުމަތް ދޭ ތަނަކަށް ބަދަލުކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސަައްކަތް މިއަހަރު ކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރު މުވައްޒަފުން ނުހޯދިއްޖެނަމަ މިއަންނަ އަހަރު އެކަން ކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އާ ސިއްހީ މަރުކަޒުގެ މަސައްކަތް ނިމުމުން އެތަނުން 24 ގަޑިއިރު ސިއްހީ ހިދުމަތް ލިބެން ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރަށުގެ ސްކޫލުގެ މަލްޓިޕާޕަސް ހޯލު ހެދުމުގެ އެއްބަަސްވުމުގައި މިއަދު ސޮއިކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާއިރު އިތުރު ހަތަރު ކްލާސްރޫމެއްގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި ފުޓްސަލް ދަނޑުގެ ޓާފު ބަދަލުކުރުމުގެ މަސައްކަތްވެސް މިއަހަރު ތެރޭގައި ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހޭންޑްބޯލް ކޯޓެއް ހެދުމަށް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި މަސައްކަތް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރަށުގައި ހަދާ ފިޓްނެސް އެންޑް ރިކްރިއޭޝަން ސެންޓަރުގައި ގިނަަ އިންޑޯ ސްޕޯޓްސް ވަސީލަތްތަކާއި ކަސްރަތަށް ބޭނުންވާ ވަސީލަތްތައް ހުންނާނެ ކަމަށެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު