ހދ. ކުރިނބީގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.

ކުރިނބީގައި އޭޓީއެމްގެ ހިދުމަތް ފެށީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެވެ.

އެ ހިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކު ކާޑެއް ކުރިނބީ ކައުންސިލާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަވާލުކޮށްދެއްވައިފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމަށް ސަރުކާރާއި ބީއެމްއެލްއާ ގުޅިގެން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިހާތަނަށް 8 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެ ހިދުމަތް ވަނީ ފަށައިފައެވެ.

އެންމެ ފަހުން އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް ނިންމާފައިވަނީ އއ. އަތޮޅުގައެވެ. އއ. އަތޮޅުގެ ރަށްތަކުގެ އިތުރުން ހއ. ށ. ދ. ނ. މ. ކ. އަދި ބ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކުގައި ވަނީ އޭޓީއެމްގެ ހިދުމަތް ފަށައިފައެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެކެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 41 ބްރާންޗް، 150 ސެލްފްސާވިސް ބޭންކިން ސެންޓަރު، 208 އޭޓީއެމް އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބީއެމްއެލްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް އެ ބޭންކުން ބުނެއެވެ.