ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު މަސައްކަތް ކުރަމުން ދާނީ ހައްގުވާ ހިސާބެއްގައި އޮވެގެން ކަމަށާއި، މިހާރަކަށް އައިސް ކުރިމަތިވާ ފާޑުކިޔުންތަކަށް މާ ބޮޑު ސަމާލުކަމެއް ނުދެއްވާނެ ކަމަށް ކްލަބުގެ ޗެއާމާން އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން އެހެން ވިދާޅުވީ ކުރިއަށް އޮތް ސީޒަނަށް ގިނަ ކުޅުންތެރިންތަކެއް އެ ކްލަބަށް ސޮއިކުރުމުގެ އިތުރުން އަލަށް ހަވާލުވި ކޯޗު، އަލީ ސުޒޭން ރަސްމީކޮށް އިއުލާނު ކުރުމަށް ރޭ ދިމްޔާތުގައި ބޭއްވި ހާއްސަ އިވެންޓުގައެވެ.

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން ރޭ ނިއުއަށް ސޮއިކޮށްފައި ވަނީ އަލީ ފާސިރު (ސެންޓޭ) އާއި މާޒިޔާ ސްޕޯޓްސް ކްލަބު ދޫކޮށްލި ހަސަން ރާއިފް އަހުމަދު (ހަންނަ)، މުހައްމަދު އިރުފާން (އިރޭ)، ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) އަދި ޒުވާން ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

ނިއު ރޭޑިއަންޓް މިވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ނަމަވެސް، ގިނަ ޓްރާންސްފާތަކަކާއެކު އެޓީމުން ތައްޔާރު ވަނީ ފުރަތަމަ ޑިވިޝަނަށް ކަމަށް އިތުބާރު ހުރި ގިނަ ފަރާތްތަކަކުން ވަނީ މައުލޫމާތު ދީފައެވެ.

ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މިފަހަރުގެ ފުރަތަމަ ޑިވިޝަން ދޫކޮށްލައިފައިވާ އިރު، އެ ޖާގައަށް އިތުރު ކްލަބެއް ޕްރޮމޯޓް ކުރުމަށް އެފްއޭއެމްއިން މަސައްކަތް ކުރާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެ މަގާމަށް އަންނާނީ ނިއު ރޭޑިއަންޓް ކަމަށްވެސް މައުލޫމާތު ލިބިފައިވާ އިރު، އެޓީމަކީ ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި އެންމެފަހުން ކުޅުނު ދެޓީމުގެ ތެރެއިން އެއް ޓީމެވެ. އެ މުބާރާތުގެ ސެމީގައި ދެން ކުޅުނު ޓެންޓް ސްޕޯޓްސް ކްލަބެވެ. ބެލެވިފައިވާގޮތުގައި، މިއަދު އެފްއޭއެމް އެކްސްކޯއިން ބާއްވާ ބައްދަލުވުމާއެކު ނިއު ރޭޑިއަންޓަށް އެ ޖާގަ ދޭން އެކްސްކޯއިން ފާސްކުރާނެ އެވެ.

"ނިއު ރޭޑިއަންޓް މި މަސައްކަތް ކުރަނީ މިވަގުތަށް ހައްގުވާ ހިސާބެއްގައި އޮވެގެން، އޮންނަން ޖެހޭ ތަނެއްގައި އޮވެގެން ކްލަބު ވަރުގަދަ ކުރަން. އަޅުގަނޑުމެންނަށް ތަފާތު ފާޑު ކިޔުންތައް އެބައާދޭ. އެ ފަރާތްތަކަށް ބުނެލަން ބޭނުންވަނީ ނިއު ރޭޑިއަންޓް އެންމެފަހުން ލީގު ކަޕްގައިވެސް ކުޅުނީ މި އޮތް ހިސާބުގައި އޮވެގެންނޭ. އަޅުގަނޑު ގަބޫލުކުރާ ގޮތުން ނިއު ރޭޑިއަންޓް ހިމެނޭނީ ތިންވަނަ ޓީމަށް. އެއީ ނަތީޖާތަކާ އެއްޗެއްސަށް ބަލާފައި،" މުބީން ރޭ ވިދާޅުވިއެވެ.

މުބީން ފާހަގަކުރެއްވީ ނިއު ރޭޑިއަންޓަކީ ކޮންމެ ހިސާބެއްގައި އޮތަސް، އަބަދުވެސް ވަރުގަދަ ނަމެއްގެ ގޮތުގައި އޮންނާނެ ކަމަށާއި، އެސޯސިއޭޝަނަކުން އިއުލާނުކުރާ ކޮންމެ މުބާރާތެއްގައި ބައިވެރިވުމަކީ އަމާޒެއް ކަމަށެވެ. މިހާރުވެސް ކެރަމްގެ އިތުރުން ޓީޓީގައިވެސް ނިއުއިން ވާދަކުރަމުންދާނެ ކަމަށް މުބީން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ނިއުއިން ކުރާ މަސައްކަތަކީ ވިޔަފާރިވެރިންނާ ހަމައަށްވެސް ގޮސް، ސްޕޮންސާޝިޕް ހޯދެން އޮތް ގޮތަކުން ހޯދައިގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

"ނިއުގެ ކަންކަމުގައިވެސް ރައީސްގެ ލަފާފުޅު ލިބޭ"

26 އޮގަސްޓް 2025، ނިއު ރޭޑިއަންޓްގެ ސްކޮޑު ވަރުގަދަކޮށް، އާ ސީޒަނަށް ބޮޑެތި ޓްރާންސްފާތަކެއް އިއުލާނުކުރުމަށް ބޭއްވި އިވެންޓްގައި މުބީން --- ވަން ފޮޓޯ: ހަމްދާން އަހުމަދު

ނިއު ރޭޑިއަންޓްގެ ބޯޑުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތައް ހިމެނޭ އިރު، މުބީން ރޭ ވިދާޅުވީ، ކްލަބުގެ ހިންގެވުމުގައިވެސް ރާއްޖޭގެ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅު ލިބިވަޑައިގަންނަވާ ކަމަށާއި، ކުޅިވަރަށް އެ މަނިކުފާނު ކުރައްވާ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

"ރާއްޖޭގެ ކުޅިވަރުގެ ކަންކަމުގައި، އަދި ހާއްސަކޮށް ފުޓުބޯޅަ ވެއްޓިފައި އޮތް ހާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވަމުން ގެންދަވާ ލަފާފުޅާއި އިރުޝާދުފުޅަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާއެކު، އެ މަނިކުފާނު ބޭނުންފުޅުވޭ ފުޓުބޯޅަ ރަނގަޅުވެގެންދާން. އަދި އެސޯސިއޭޝަންތަކުން ކުރައްވާ މަސައްކަތްތައް ރަނގަޅުކޮށް، ހަރުދަނާ ކުރުމަށާއި އެތުލީޓުންގެ ތަމްރީނުތަކަށް ރައީސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން. ހަމައެއާއެކު މި ކްލަބު ހިންގެވުމަށްވެސް އަބަދުވެސް ލަފާ ދެއްވާ،" މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ފާހަގަކުރެއްވީ ކްލަބުތަކާ ރަނގަޅު ފަރާތްތަކުން ހަވާލުވާތަން ފެންނަ ކަމަށެވެ. އެގޮތުން އޭނާ ވިދާޅުވީ ހުސްވެފައި އޮތް ވިކްޓްރީ ސްޕޯޓްސް ކްލަބުގެ ބޯޑާ ދިމާލަށްވެސް ރަނގަޅު ބަޔަކު ހަވާލުވާން ދާތަން ފެންނަ ކަމަށާއި، ވެލެންސިއާއާވެސް ރަނގަޅު ބަޔަކު ހަވާލުވާތަން ފެންނަ ކަމަށެވެ.

މުބީންގެ ވާހަކައިގައި ފާހަގަކުރެއްވީ ފުޓުބޯޅައަށް އާ ވާދަވެރިކަމެއް ގެންނަން ޖެހޭ ކަމަށާއި، ސަޕޯޓަރުންނާ ގުޅިފައިވާ ނިއު ރޭޑިއަންޓާއި ވިކްޓްރީ ކަހަލަ ކްލަބުތަށް ވާދަވެރިވުމުން، މާޒިޔާ ސްޕޯޓްސްއާއި އޮޑި ސްޕޯޓްސް ކްލަބުގެ އިތުރުން ދެން މި ކުޅެމުން އަންނަ ޓީމުތައްވެސް ވާދަވެރިކަމާއެކު ކުޅެން ފަށާނެ ކަމަށެވެ.