ޖަޕާނުގެ އައިޗީ-ނަގޯޔާގައި އޮންނަ 20 ވަނަ އޭޝިއަން ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން އޭޝިއަން ގޭމްސްގެ އޯގަނައިޒިންގް ކޮމިޓީ (އައިނަގޮކް) އަދި ކ. ހުރާ ކައުންސިލް ގުޅިގެން ބާއްވާ ފަން ރަންގެ ހަރަކާތްތައް އަންނަ މަހު 19 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ކ. ހުރާގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މައިގަނޑު އިވެންޓަކީ "އޭޝިއަން ގޭމްސް ފަން ރަން" ގެ ނަމުގައި ކުރިއަށް ގެންދާ ދުވުމެކެވެ. އެމްސީން މައުލޫމާތު ދީފައިވާ ގޮތުގައި ރަންގެ އިތުރުންވެސް ބައެއް ކުޅިވަރުގެ ހަރަކާތްތައް އެދުވަހު ހުރާގައި ކުރިއަށްދާނެއެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ޗައިނާގެ ހާންޒޫގައި ބޭއްވި އޭޝިއަން ގޭމްސް ޕްރޮމޯޓް ކުރުމަށްވެސް ރާއްޖޭގައި ރަންއެއް ބާއްވާފައިވާ އިރު، އެފަހަރުވެސް ރަންއަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

އެމްއޯސީން ބުނީ ފަން ރަންއާއެކު ހުރާގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ މަގުސަދަކީ އޭޝިއަން ގޭމްސް ރާއްޖޭގައި ޕްރޮމޯޓް ކުރުމާއި އޭޝިއަން ގޭމްސްގެ ރޫހު ރާއްޖޭގައި ދިރުވާ އާލާކުރުން ކަމަށެވެ.

ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ އިރު، އެކަމަށް ހާއްސަ ފޯމު ފުރުމުން ބައިވެރިވެވުނީއެވެ. ރަން ބާއްވާ ދުވަހު ހުރައަށް ގެންދިއުމާއި ގެނައުމުގެ ކަންކަންވެސް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސާ ގޮތަށް ފޯމުގައި ހިމަނާފައިވެއެވެ. އޭޝިއަން ގޭމްސް ފަން ރަންގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ ސެޕްޓެމްބަރު އެކެކެވެ.

ފަން ރަންގެ ޕޯޑިއަމް ފިނިޝާސްއަށް ހާއްސަ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، އެއްވަނަ ދުވުންތެރިޔާއަށް 5،000 ރުފިޔާ، ދެވަނަ ދުވުންތެރިޔާއަށް 4،000 ރުފިޔާ އަދި ތިންވަނަ ދުވުންތެރިޔާއަށް 3،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހުށަހަޅައިފައެވެ.

އޭޝިއަން ގޭމްސްއަކީ އޭޝިއާގެ އެންމެ ބޮޑު މަލްޓި ސްޕޯޓްސް މުބާރާތެވެ. އެ މުބާރާތުގައި އޭޝިއާގެ 45 ގައުމަކުން 10،000 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ. އަދި އޭޝިއަން ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ބައިވެރިވާ ގޭމްސްތަކުގެ ތެރެއިން ތިންވަނައަށް އެންމެ ގިނަ އެތުލީޓުން ބައިވެރިވާ ގޭމްސްވެސް މެއެވެ.