ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ކައުންސިލުތައް ބާރުވެރިކޮށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް ހދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޅުދުއްފުށި ސިޓީއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކާ ގުޅޭގޮތުން ވިދާޅުވީ، އެ އިސްލާހުތައް ގެންނެވީ ރައްޔިތުންނާއި ކައުންސިލްތައް ބާރުވެރިކުރުވަން ކަމަށެވެ.

ރައީސް ވިދާޅުވީ، އެ އިސްލާހުތައް ގެންނެވީ ނިޒާމު އިތުުރަށް ވަރުގަދަކޮށްދީ، ހެޔޮވެރިކަމެއްކޮށްދެވޭނެ ގޮތްތައް ހެދުމަށް ކަމަށެވެ. އަދި ސަރުކާރުން ކައުންސިލްތަކުގެ މަސައްކަތަށް ހުރަސް ނާޅުއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވާ ވިދާޅުވުން މިރޭވެސް ތަކުރާރުކުރެއްވިއެވެ.

"އަޅުގަނޑު މޭޔަރަކަށް ހުރިއިރު އޭރުގެ ސަރުކާރުން ކުރިމަތިކުރި ޖެއްސުންތަކާއި ހުރަސްތައް އަޅުގަނޑު މިހުރީ އަޒުމް ކަނޑައަޅައިގެން އަޅުގަނޑުގެ ސަރުކާރުން އެއްވެސް ކައުންސިލަކަށް ކުރިމަތިވިޔަ ނުދޭން. އެހެންވީމަ އެއްވެސް ބޭފުޅަކަށް އެހެން ވިދާޅުވުމުގެ ފުރުސަތެއް ނުލިބޭނެ. އަޅުގަނޑުގެ އަޒުމެއް އެއީ ލާމަރުކަޒީ ނިޒާމު ޗެމްޕިއަންކުރުން. އެހެންވީމަ މި ހުރިހާ ކުރިއެރުންތަކެއް މި ގެނެސްދެނީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ސަރުކާރުގެ ސިޔާސަތަކީ ކައުންސިލުތަކުން އެދޭ ގޮތަށް ކަންކަން ކޮށްދިނުން ކަމަށާއި އަދި މާލީ ބާރުވެރިކަންވެސް ލިބޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށްދިނުން ކަމަށެވެ.

"ބޯޅަ އޮތީ ކައުންސިލުގެ ކޯޓުގައޭ މިހާރު. އެތައް ކައުންސިލަކަށް ދެވިއްޖެ އެތައް ރަށެއް މިހާރު. އެހެންވެ އެކަން ކުރައްވަންވީއޭ މިހާރު. މި ރަށު ކައުންސިލާ ވެސް ހަވާލުކޮށްފައި އޮންނާނެ ސްވިމިން ޓްރެކެއް އަޅަން. އެކަމަކު އަދިވެސް ނާޅާ،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ތަރައްގީ ގެނެސްދިނުމުގައި ބަލަނީ ރަށުގެ އާބާދީއަށް ނުވަތަ ސިޔާސީ ފިކުރަކަށް ނޫން ކަމަށާާއި އިސްކަންދެނީ ބާކީނުކޮށް ވައުދުތައް ފުއްދައިދިނުމަށް ކަމަށެވެ.

ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނައި ބިލު ރައީސް ތަސްދީގުކުރައްވާފައިވާ އިރު، ބައެއް ކައުންސިލުތަކުން ދަނީ އެ ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގާނޫނުން ކައުންސިލުގެ ދައުރުގެ ފަހު އަހަރުގައި ސަރުކާރުގެ ހުއްދަ ނުހޯދައި މަޝްރޫއުތައް ނުހިންގެއެވެ. އަދި ކައުންސިލުތަކުން އުފައްދާ ލޯކަލް ގަވަމަންޓު ކުންފުނިތަކަށް ހިންގޭނީ ދިހަ މިލިއަން ރުފިޔާއަށްވުރެ ބޮޑު ހަރަދެއް ކުރަންޖެހޭ މަޝްރޫތައް އެކަންޏެވެ.