ދައުރުން ބޭރުން މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މީޑިއާ ކޮމިޝަންގެ ބިލުގެ މަސައްކަތްތައް އެޖެންޑާކޮށްފިއެވެ.

މާދަމާ ބާއްވާ މަޖިލިސް ޖަލްސާގެ އެޖެންޑާގައިވާ ގޮތުން، ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި އޮތީ އެ ބިލުގެ ބަހުސް ކުރިއަށްގެންދިއުމެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ބޭއްވި، ދެވަނަ ދައުރުގެ ފަހު ޖަލްސާގައި ވެސް އެ ބިލުގެ ބަހުސް ކުރިއަށްގެންދިޔައެވެ.

މަޖިލިސް ޗުއްޓީއަށްދާކަން އިއުލާނުކުރައްވަމުން އެ ދުވަހުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ އެގޮތަށް ނިންމެވީ އެ ދުވަހު ފުރަތަމަ ކިޔުން އިއްވައި، އިބުތިދާއީ ބަހުސް ފެއްޓި މީޑިއާ ރެގިއުލޭޝަން ބިލު ދިރާސާކުރުމަށް މެންބަރުންނަށް ފުރުސަތު ދިނުމަށް ކަމަށެވެ.

އެ ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. އެ ބިލުގެ ދިފާއުގައި ޕީއެންސީ މެންބަރުން ވާހަކަ ދެއްކެވި އިރު، އެމްޑީޕީ މެންބަރުން ވަނީ އެ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ބިލާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

އެ ބިލުގައި އޮންނަ ގޮތުން، ހަތް މެންބަރުންގެ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން ވޯޓުލައިގެން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބޭ އިރު، ނައިބު ރައީސް އިންތިހާބުކުރަނީ ކޮމިޝަން މެންބަރުންގެ ތެރެއިން ވޯޓުލައިގެންނެވެ.

ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އެ ބިލުގައިވާ ގޮތުން މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ އެ ބިލާ ގުޅޭގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

ރައީސް ވިދާޅުވެފައިވަނީ މީޑިއާ ކޮމިޝަންގެ ބިލުގައި، ކޮމިޝަންގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް އޮންނާތީ، އެކަން އިސްލާހުކޮށްދެއްވުމަށް ދަންނަވާފައިވާނެ ކަމަށާއި މީޑިއާ ކޮންޓްރޯލުކުރުމަށް އެއްވެސް އިރަކު ބޭނުންފުޅުނުވާ ކަމަށެވެ.