ކުޅުދުއްފުށީ ސިޓީ އެއާޕޯޓުގެ ޓާމިނަލް ތަރައްގީކުރުމުގެ މަޝްރޫއު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް)އާ އަދި އެ ސިޓީގެ ބޮޑެތި މަގުތައް ހެދުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

އެ މަސައްކަތްތައް ފެއްޓެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު އެ ރަށަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތުގައެވެ.

އެގޮތުން އެއާޕޯޓުގެ ހިދުމަތްތައް ތަރައްގީކުރުމާއި އާ ޓާމިނަލުގެ ބިންގާ އަޅުއްވައިދެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ.

ކުޅުދުއްފުށީގެ މަގު ހެދުމުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާންސްޓަރަކްޗާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދާއި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުޅުދުއްފުށި މަގުތައް ހެދުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 100 މިލިއަން ރުފިޔާއަށް ކަމަށެވެ. އެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ހަ ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ޖެހުން ހިމެނެއެވެ.

ކުޅުދުއްފުށީގައި މިއަދު ވަނީ ޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތްވެސް ފަށައިފައެވެ.