ހދ. ނޭކުރެންދޫގައި ޖަލެއް ހެދުމަށް ނިންމައި އެކަމަށް ކަނޑައެޅި ބިން، އަނބުރާ ރަށު ކައުންސިލާ ހަވާލުކޮށްފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.

ނޭކުރެންދޫގައި ޖަލެއް ހެދުމަށް ނިންމައި އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އަށްވަނަ ދުވަހުގައެވެ.

ރައީސް މުއިއްޒު، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ނޭކުރެންދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވީ ރަށުގެ އިގުތިސޯދީ މަންފާއަށް އެ ބިން ބޭނުންކުރުމުގެ ގޮތުން ކައުންސިލުން ހުށަހަޅާ ހުށަހެޅުންތަކަށް ސަރުކާރުގެ އެއްބާރުލުން ލިބޭނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އިގުތިސޯދީ ގޮތުން ނަފާ ހޯދައިދިނުމަށްވެސް މަސައްކަތްތަކެއް ކައުންސިލާ ގުޅިގެން، ކައުންސިލުން ރައްޔިތުންގެ މަޝްވަރާއާ އެކީގައި ހުށަހަޅާ ކަންކަމަށް އަޅުގަނޑުމެން ވަރަށް ފުރިހަމައަށް އިޖާބަދޭނަން. ކުރީގަ ޖަލެއް ހަދަން އޮތް ބިން މިހާރު ވާނީ ކައުންސިލާ އަނބުރާ ހަވާލުކޮށްފަ. އެއީ އަޅުގަނޑު ވައުދުވެފަ އޮންނާނެ އެތަން އިގުތިސޯދީ ގޮތުން ރަށަށް ފައިދާހުރި ގޮތަކަށް ބޭނުން ކުރުމުގައި ފުރުސަތު ދޭނެކަމަށް، އެގޮތަށް ފަހިކޮށްދޭނެކަމަށް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ ވައުދުފުޅުތަކުގެ ތެރޭގައި ނޭކުރެންދޫ ބަނދަރަށް 100 ފޫޓު އިތުރުކުރުންވެސް ހިމެނޭ ކަމަށެވެ. ރައީސް ވިދާޅުވީ ބަނދަރަށް އެ 100 ފޫޓު އިތުރުކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ސޮއިކުރި ސްވިމިން ޕޫލުގެ މަސައްކަތާއި، ދޯނި އެހެލާ ސަރަހައްދެއް ހެދުމުގެ މަސައްކަތެއްގެ އިތުރުން މޫދަށް އެރޭނެ ސަރަހައްދެއް ހެދުމުގެ މަސައްކަތް ބަނދަރުގެ މަޝްރޫއާއެކު ކުރިއަށްދާނެ ކަމަށެވެ.

ނޭކުރެންދުއަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިއަށް ގެންގޮސްދޭނެ ކަމަށާއި މިއަހަރު އެ މަޝްރޫއު ކުރިއަށް ނުގެންދެވެނީ ބަނދަރުގެ މަޝްރޫއަށް އިސްކަން ދޭން ޖެހުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި ވިދާޅުވީ ރަށުގެ ސްކޫލު ތަރައްގީކުރުމުގެ މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސްވެފައިވާ ކަމަށާއި މިއަހަރުގެ ނިޔަލަށް އެ މަސައްކަތް ސަރުކާރުން ނިންމައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. ސްކޫލުގެ މަލްޓިޕާޕޯސް ހޯލުގެ މަސައްކަތް މިއަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން އެ އަހަރުގެ ކުރީކޮޅު ފަށައިދޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ނޭކުރެންދޫގައި މިހާރު ހަދަން ފަށައިފައިވާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގައި އިންޑޯ ބެޓްމިންޓަން ކޯޓެއް ހަދައިދޭނެ ކަމަށެވެ. ރަށުގެ ފުޓްބޯޅަ ދަނޑުގައި ޓާފު އަޅައިފައިވީ ނަމަވެސް ވަށާފާރު އަދި ލައިޓު ހަރުކޮށްފައި ނެތްކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ ރަށުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރާނައި، ފެންސު ހަރުކޮށް، ލައިޓު ހަރުކޮށްދޭނެ ކަމަށެވެ. އަދި ފުޓްބޯޅަ ދަނޑުގައި ޗޭންޖިން ރޫމެއްވެސް ހަދައިދޭނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އައުޓްޑޯ ޖިމެއް ހަދައިދޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.