ހދ. ނޮޅިވަރަންފަރުގައި އަމިއްލަ ގޯތީގައި ގެދޮރު ހެދިފައިނުވާ ފަރާތްތަކަށް ހައުސިން ޔުނިޓު ހެދުމަށް އަންނަ މަހު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމަށް ނިންމައިފިއެވެ.
ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ނޮޅިވަރަންފަރުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ ނޮޅިވަރަންފަރުގައި ހައުސިން މަޝްރޫއެއް ކުރިއަށްގެންދަން ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެއީ ޖުމުލަ 250 ހައުސިން ޔުނިޓު ކަމަށެވެ.
"އޭގެ ތެރެއިން 100 ހައުސިން ޔުނިޓު އެޅުމަށް މި އަންނަ މަހު ކުރީކޮޅު އަޅުގަނޑުމެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ހަވާލުކުރާނަން. 100 ހައުސިން ޔުނިޓު އަޅަން ގަސްދުކުރަނީ މި ރަށުގެ ރައްޔިތުންގެ ތެރެއިން ގޯތި އޮތް ފަރާތްތަކުގެ ތެރެއިން އެ ގޯތީގައި ގެއެއް އެޅިފައި ނެތް، އެޅުމުގެ ކެޕޭސިޓީ ނެތް ފަރާތްތަކަށް އެމީހުންގެ ގޯތީގައި، އެއިން ކޮންމެ ބޭފުޅެއްގެ ގޯތީގައި ތިން ކޮޓަރީގެ ހައުސިން ޔުނިޓެއް އެޅުމުގެ މަޝްރޫއެއްގެ ގޮތުގައި މި މަޝްރޫއު ކުރިއަށްގެންދާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަމިއްލަ ގޯތީގެ ގެދޮރު ހެދިފައިނުވާ އެ ފަރާތްތައް ފާހަގަކޮށްދޭނީ ކައުންސިލުން ކަމަށާއި އެކަން ކުރިއަށްގެންދާނީ ކައުންސިލާއި ހައުސިން މިނިސްޓްރީ ގުޅިގެން ކަމަށެވެ.
"އެހެންވީމާ 100 ހައުސިން ޔުނިޓުގެ މަޝްރޫއެއް އަޅުގަނޑުމެން މި އަންނަ މަހު ކުރީކޮޅު ސޮއިކުރެވި، އަމަލީ މަސައްކަތް މި ރަށުގައި ފެށިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމުގައި ދަތިތައް ހުރި ފަރާތްތަކަށް ލުއިގޮތަކަށް އެކަން ހަމަޖެހިގެން އެދަނީ. އޭގެ އިތުރަށް ކުރިއަށްއޮތް ތަނުގައި އިތުރު މަޝްރޫއުތައް ރޭވިގެން ކުރިއަށްދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު