މީޑިއާ ކޮންޓްރޯލުކުރުމުގެ ޝައުގުވެރިކަމެއް އެއްވެސް އިރެއްގައި ނުގެންގުޅުއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރުގައި މިރޭ ބޭއްވި ޖަލްސާގައި އެ މަނިކުފާނު އެހެން ވިދާޅުވެފައިވާ އިރު، މީގެ ކުރިން ވެސް އެކި ފަހަރުމަތިން އެ މަނިކުފާނު ވަނީ އެކަން ފާހަގަކުރައްވައިފައެވެ.

ރައީސް އެ ވާހަކަފުޅުދައްކަވާފައި މިވަނީ، ރައްޔިތުންގެ މަޖިލީހަށް މީޑިއާ ކޮމިޝަންގެ ބިލު ހުށަހަޅާފައިވަނިކޮށެވެ. ރައްޔިތުންގެ މަޖިލީހަށް އެ ބިލު ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމުގައިވާ، ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ.

އެ ބިލުގައި އޮންނަ ގޮތުން، ހަތް މެންބަރުންގެ ކޮމިޝަންގައި ހިމެނޭނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން ވޯޓުލައިގެން އިންތިހާބުކުރާ ހަތަރު މެންބަރުންނެވެ. ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ލިބޭ އިރު، ނައިބު ރައީސް އިންތިހާބުކުރަނީ ކޮމިޝަން މެންބަރުންގެ ތެރެއިން ވޯޓުލައިގެންނެވެ.

މިރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖޭގެ ކަންކަން ފުރިހަމަގޮތުގައި ގެންދިއުމުގައި އެންމެންގެ ވެސް ޒިންމާތަކެއް އެބައޮތް ކަމަށާއި އެއީ ސިޔާސީ ޕާޓީތައް ކަމުގައިވިޔަސް، އެހެނިހެން ޖަމިއްޔާ ޖަމާއަތްތައް ކަމުގައިވިޔަސް، އަދި މީޑިއާ ކަމުގައިވީ ނަމަވެސް، ކޮންމެ ފަރާތެއްގެ ވެސް ޒިންމާތަކެއް އޮންނަ ކަމަށެވެ.

"އަޅުގަނޑުގެ އެއްވެސް ޝައުގުވެރިކަމެއް ހުރި ކަމެއް ނޫން މީޑިއާތައް ކޮންޓްރޯލުކުރުމަކީ. އަޅުގަނޑު އެއްވެސް އިރަކު ކުރި ކަމެއްވެސް ނޫން، ކުރާނެ ކަމެއް ވެސް ނޫން. އެހެންނަމަވެސް ޒިންމާދާރުކަމާއެކީ ހުރިހާ ފަރާތްތަކުން ވެސް މަސައްކަތްކުރަން ޖެހޭނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅުނުވާކަން ޕީއެންސީގެ މަޖިލިސް މެންބަރުންގެ އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި ކޮމިޝަންގެ ރައީސް އައްޔަންކުރެއްވުމުގެ ބާރު އޮންނަ ގޮތަށް އެކަން ކުރައްވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެ ކޮމިޝަންގެ ރައީސް އިންތިހާބުކުރަން ޖެހޭނީ ކޮމިޝަންގެ މެންބަރުންގެ ވޯޓުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ބޭނުމެއް ނޫން އެއްގޮތަކަށް ވެސް އަޅުގަނޑުމެންނަކީ މީޑިއާއާ އެއްވެސް ވަރަކަށް ނުފޫޒު ފޯރުވާ ބަޔަކަށް ވާކަށް. މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކީގައި އޮޕަރޭޓުކުރާ ބަޔަކަށް. މިހާރު އޮތް ބިލުގައި އޮތް ގޮތުންވެސް، އަޅުގަނޑަށް ލިބިފައިވާ މައުލޫމާތުގައި، ހަތް މެންބަރުންގެ ކޮމިޝަނެއް ހަދާ ގޮތަށް އޮތް އިރުގައި، ހަތަރު މެންބަރުން އަންނަނީ ވެސް މީޑިއާތަކުން ވޯޓުލައިގެން. ދެން ތިބި ތިން މެންބަރުން ރައްޔިތުންގެ މަޖިލީހުން ވޯޓުލައިގެން ހޮވަނީ، ހުޅުވާލައިގެން ލިބޭ ނަންތަކުގެ ތެރެއިން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ މީޑިއާ ރެގިއުލޭޓްކުރުމުގައި ވިޔަސް، އަދި ބެލެހެއްޓުމުގައި ވެސް އެ މަނިކުފާނުގެ ކޮންޓްރޯލެއް އޮންނަ ގޮތަކަށް އެއްވެސް ކަމެއް ބޭނުންފުޅުނުވާ ކަމަށެވެ. އަދި އޮންނަންވާނީ މީޑިއާތައް ޒިންމާދާރުކަމާއެކު ހިންގޭގޮތަށް، ފުރިހަމަ މިނިވަންކަމާއެކު ދެފުށް ފެންނަގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މަޖިލީހުގައި މިހާރު އޮތް ބިލުގައި ފާހަގަވާ އަނެއް ކަމަކީ މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ އަދަދުތައް ބޮޑުވުމެވެ. ބިލުގައި ވަނީ، ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން، އެ ބިލުގައިވާ ގޮތުން މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެއެވެ.