ބަނގުރާ ކޭސްތަކެއް ހިފައިގެން ހުޅުމާލޭގައި އުޅުނު ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނިގޮތުގައި އެމީހާ ހައްޔަރުކޮށްފައި ވަނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް 1 އިންނެވެ. ހައްޔަރުކޮށްފައި ވަނީ ފަސަލު ރަޙްމާން މަޓުމަލް، އިންޑިއާ (28އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ބަނގުރާ ގެންގުޅެ ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކަމަށެވެ.

މިއަދު ހުޅުމާލެ ފޭސް 1 އިން ހިފެހެއްޓި ޕިކަޕުން ފެނުނު ބަނގުރާ ކޭސްތައް -- (ފޮޓޯ/ ޕޮލިސް)

ފުލުހުން ބުނީ އެމީހާ ދުއްވަން އިން ޕިކަޕު ބާރު ސްޕީޑުގައި ދުއްވާފައި ދާތަން މަގުތައް ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނި ހުއްޓަން އެންގުމުން މަޑުނުކޮށް ބާރު ސްޕީޑުތައް ޒިގްޒެގްކޮށް ދުއްވާފައިވާ ކަމަށެވެ. ފުލުހުން އެ ޕިކަޕު ފަހަތުން ގޮސް ހުއްޓުވައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ ޕިކަޕު ބަލައި ފާސްކުރި އިރު 144 ދަޅު ބަނގުރާ ފެނިފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.